ޚަބަރު

ދައުވަތު ދީގެން ގެސްޓްހައުސްއަށް ގެންގޮސް ފޭރޭ ބޮޑު ނެޓްވޯކެއް ވިލިމާލޭގައި


އެކި ގޮތްގޮތުން ދައުވަތު ދީގެން ވިލިމާލޭގައި ހުންނަ ގެސްޓްހައުސްއަކަށް ގެންގޮސް ބިރުދައްކާ ބްލެކްމެއިލްކޮށް ފޭރެމުންދާ ނެޓްވޯކެއް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮބަރީ ތެފްޓް އެންޑް އޯގަނައިޒްޑް ކްރައިމް އިންވެސްޓިގޭޝަންސްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ލަތީފް ވިދާޅުވީ އޮކްޓޫބަރުމަހުގެ 16 އިން ފެށިގެން 17 ވަނަދުވަހުގެ ނިޔަލަށް އެފަދަ 5 މައްސަލައެއް ހުށައަޅާފައިވާކަމަށެެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ތެރޭން ފާހަގަވި ދެ މައްސަލައަކާއި ވިލިމާލެ ގެސްޓް ހައުސްއަކަށް ގެންގޮސްފައިވާ ތިން މައްސަލައެެކެވެ.

މިއަމަލު ހިންގުމުގައި ވިލިމާލޭގައި ހަރަކާތެރިވާ ކުށްކުރާ ނެޓްވޯކެއް ތަހުގީހަށް ފާހަގަ ވެފައިވާ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ. އަދި އެއީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ ކުށުގައި މީގެ ކުރީން ހައްޔަރުކޮށްފައިވާ މީހުންކަމަށާއި މި ނެޓްވޯކްގައި އަންހެނުންނާއި ފިރިހެނުންވެސް ހަރަކާތްތެރިވާކަމަށް މިހާތަނަށް ތަޙްޤީގަށް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކުވެސް އެނެޓްވޯކް ހިންގުމުގައި ބައިވެރިކުރުވާކަމަށް ލަތީފް ވިދާޅުވިއެވެ.

ވިލިމާލޭގައި އެ ނެޓްވޯކް ހަރަކާތްތެރިވާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށާއި ފޭރުމުގެ އެ އަމަލު ހިންގުމުގެ ކުރީން އެ މީހުން އަނިޔާ ލިބުނު މީހާއާ ގާތް ގުޅުމެއް އުފައްދާ ކަމަށެވެ. އަދި އެ ގުޅުމުގެ ސަބަބުން ވަކި ތަނަކުން ބައްދަލުކުރަން އެދި އެ ތަނަކަށް ގެންދާ ކަމަށާއި އަދި އެއަށްފަހު ގެސްޓްހައުސްއަށް ގެންދާ ކަމަށްވެސް ލަޠީފް ވިދާޅުވިއެވެ. އަދި އިތުރު މީހުން އެތަނަށް ގޮސް ޝިކާރައަކަށްވާ މީހާއަށް އަނިޔާކޮށް ބަރަހަނާކޮށް ބިރުދައްކާ ވީޑިއޯ އާއި ފޮޓޯ ނަގައެވެ. އަދި އެމީހާގެ ކޭޝްކާޑު އަތުލާ ޕިން ނަންބަރު ހޯދައިގެން އެކި އޭޓީއެމްތަކަށް ގެންގޮސް ފައިސާ ނަގާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

"ފޭރުމުގެ އަމަލު ހިންގުމަށް ފަހު އެ މީހުންގެ ބަރަހަނާކޮށް ވީޑިއޯއާ ފޮޓޯ ނަގާ ބިރުދައްކާ އިންޒާރުދޭ. އަދި ފުލުހުންނަށް ރިޕޯޓްކޮށްފިނަމަ ވީޑިއޯތަކާއި ފޮޓޯތައް ލީކުކޮށްލާނެ ކަމުގެ އިންޒާރު ދިނުމަށްފަހު ދޫކޮށްލާ. އެ ތިން ހާދިސާގައިވެސް އެ މީހުން ގެންގޮސްފައިވަނީ ވިިލިމާލޭގައި ހުންނަ "މެލެއިމާ ގެސްޓްހައުސް"އަށް. ރޮބަރީ ތެފްޓް އެންޑް އޯގަނައިޒްޑް ކްރައިމް އިންވެސްޓިގޭޝަންސްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ލަތީފް ވިދާޅުވިއެވެ.

މި މައްސަލައިގައި 31 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ތަހުގީގު ހިންގަމުން އަންނައިރު އެ ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮތް މީހުން ކަމަށް ފުލުހުން ވިދާޅުވެއެވެ.

ވިލިމާލޭގެ އިތުރުން ހުޅުމާލެ އާއި މާލޭގެ ގެސްޓްހައުސްތަކުން ކޮޓަރި ކުއްޔަށް ނެގުމަށްފަހުވެސް މީހުން ގެންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން ދާދިފަހުން ގަދަކަމުން ދެ މީހަކު ކާރެއްގެ ޑިކީއަށް ލައިގެން ގެންގޮސް އަނިޔާ ކުރި މައްސަލައެއް ފުލުހުން ތަހްގީގު ކުރަން ފަށާފައިވެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި އެ ހާދިސާގައި އެމީހުންނަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެ މައްސަލަ ހުށަހެޅުމާ ގުޅިގެން އިތުރަށް ތަހުގީގު ކުރި ކުރުމުން މިކަމަކީ މާލޭގެ ގެއަކުން ކޮށްފައިވާ ވައްކަމަކާ ގުޅިގެން ހިނގި ހާދިސާއެއްކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 21 އަހަރާއި 36 އަހަރުގެ ފިރިހެނުންނެވެ. މީގެތެރެއިން ތިން މީހަކަށް ކޯޓުން ބަންދުގެ މުއްދަތު ޖަހައި ދިންއިރު ހަތަރު ވަނަ މީހާ ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.