އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނީ ނިޒާމީ ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމަށް އެކޮމިޝަނުގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
ކޮރަޕްޝަނާ ދެކޮޅަށް އަމަލު ކުރާނެ ގޮތާމެދު ރާއްޖޭގައި އެކުލަވާލި ފުރަތަމަ ޤައުމީ ޕޮލިސީ "ޤައުމީ އެންޓި ކޮރަޕްޝަން ޕޮލިސީ" އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިއުނާ ވިދާޅުވީ އެ ކޮމިޝަނަށް އޮތް އެންމެ ބޮޑު މެންޑޭޓަކީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުން ކަމުގައިވީ ނަމަވެސް ކޮރަޕްޝަން ހިނގިޔަ ނުދިނުމަށް ސިޔާސަތުތައް ކަނޑައެޅުމަކީވެސް މުހިއްމުކަމެއްކަމަށެވެ. ޝިއުނާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކާއި ސިޔާސަތުތައް އެކުލަވާލާފައިވާ ގައުމުތަކުގައި ދައުލަތް ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުންނަ ކަންކަން މަދުކަމަށެވެ.
ޝިއުނާވަނީ ރާއްޖޭގައިވެސް ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ސަރުކާރުންވެސް ޕޮލިސީ ލެވެލްގައި ބަދަލުތަކެއް ގެންނަމުންދާކަން ފާހަގަ ކުރައްވައި އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. ނަމަވެސް ކުރަން ހުރި މަސައްކަތް އަދިވެސް ވަރަށް ބައިވަރު ކަމަށް ޝިއުނާ ވިދާޅުވިއެވެ. ޝިއުނާ ވިދާޅުވީ ދައުލަތުގެ ފައިސާ ނުހައްގުން ހޯދައި އެއިން މަންފާ ނަގައިގެން ދިރިއުޅުން އާރާސްތުކުރުމަކީ އާދައެއްގެ ގޮތުގައި މިވީ އަހަރުތަކުގައި ހަދާފައިވާ ކަމަށެވެ. ނަމަވެސް, ދައުލަތުގެ ފައިސާއަކީ އެއިން ނާޖައިޒު ފައިދާ ހޯދަން އޮތް އެއްޗެއްގެ ބަދަލުގައި އަމާނާތެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދައުލަތަށް ގެއްލިގެންދާ ފައިސާ ހޯދުމަކީ ބުނަން ވަރަށް ފަސޭހަ ކަމެއް ކަމަށާއި ނަމަވެސް ކުރަން އެހާމެ އުނދަގޫ ކަމެއްކަން ޝިއުނާ ފާހަގަކުރެއްވިއެވެ.
"ކޮރަޕްޝަނާ ދެކޮޅަށް ގާނޫނުތައް ހެދުނަސް މި ގާނޫނުތައް ތަންފީޒުކުރަން ކެޕޭސިޓީ ބިލްޑްކުރަން ޖެހޭ. އެކަށީގެންވާ ވަސީލަތްތައް ބޭނުންވޭ އަދި ގާނޫނުތަކަށް އާންމުން ހޭލުންތެރިވެ ކަމާބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ" އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވީ އޭނާ ނޫން މީހަކު އެމަގާމަށް އަޔަސް އޭސީސީއަށް އެކަށީގެންވާ ނަތީޖާ ނެރެވޭނީ މަސައްކަތް ކުރާނެ ޖާގައާއި ވަސީލަތްތަކާއި ނިޒާމީ ބަދަލުތަކެއް އައިސްގެން ކަމަށެވެ.
ކޮރަޕްޝަން ހުއްޓުވައި އެކަމާ ދެކޮޅަށް ފިޔަވަޅުތައް އަޅާނެ ގޮތުގެ ސިޔާސަތުތައް އެކުލަވާލުމަކީ މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ ކޮމިޝަނަށް މަތިކުރި މެންޑޭޓެކެވެ.