ޚަބަރު

"ޕްރޮޓޮކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމަންޓް"އަށް މަޖިލީހުގެ ރުހުން ހޯދަނީ


"ޕްރޮޓޮކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމަންޓް"ގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް މަޖިލީހަށް ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިންނެވެ.

"ޕްރޮޓޮކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމަންޓް" އަކީ ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއު.ޓީ.އޯ)ގެ " ޓްރޭޑް ރިލޭޓެޑް އެސްޕެކްޓްސް އޮފް އިންޓްލެކްޗުއަލް ޕްރޮޕަޓީ ރައިޓްސ (ޓްރިޕްސް)، އެއްބަސްވުމަށް ބަދަލު ގެނައުމަށްޓަކައި އެކުލަވާލާފައިވާ ޕްރޮޓޮކޯލްއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިޕްރޮޓޮކޯލް ދިވެހިރާއްޖެއިން ޤަބޫލުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވާތީ، މި އެމެންޑްމަންޓުގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން، މި މުޢާހަދާއަށް ގެނެވޭ ބަދަލު، ދިވެހިރާއްޖެއިން ޤަބޫލުކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައެވެ.

ޑަބްލިއު.ޓީ.އޯގެ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއްބަސްވުންތަކުގެ ތެރެއިން، "ޓްރޭޑް ރިލޭޓެޑް އެސްޕެކްޓްސް އޮފް އިންޓްލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް (ޓްރިޕްސް) އެއްބަސްވުމަކީ، މެންބަރު ޤައުމުތަކުގެ ފިކުރީ މުދާ ރައްކާތެރިކޮށްދިނުމާ ގުޅޭ ބައިނަލްއަޤްވާމީ މުހިންމު އެއްބަސްވުމެކެވެ.

ޓްރިޕްސްގެ އެއްބަސްވުމަށް ގެނެވުނު އިޞްލާހު، "ޕްރޮޓޮކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމަންޓް" އަކީ، ޑަބްލިއު.ޓީ.އޯގެ އުފެދުނު ފަހުން އެޖަމިއްޔާ އެއްބަސްވުމަކަށް، ގެނެވުނު ފުރަތަމަ އިސްލާހެވެ.