ޚަބަރު

ފަތުރުވެރިކަމުގެ ރަން އަހަރުގެ ލޯގޯ އަންނަ އަހަރުން ފެށިގެން ބޭނުންކުރުމަށް ހަމަޖައްސަވައިފި


ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރު ފާހަގަކުރުމުގެ ގޮތުން 1 ޖަނަވަރީ 2022 އިން ފެށިގެން
"2022: ފަތުރުވެރިކަމުގެ ރަން އަހަރު" ގެ ލޯގޯ ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ރަސްމީ ލެޓަރ ހެޑާއި އީމެއިލް ފުޓަރގައި ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ހަމަޖެއްސެވީ، 7 ޑިސެންބަރު 2021 ވީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރު ފާހަގަކުރުމާބެހޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހުގައެވެ.

2022 ވަނަ އަހަރަކީ، ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާ އަހަރުކަމަށްވާތީ، އެ އަހަރު ކުލަގަދަ ގޮތެއްގައި ފާހަގަކުރެއްވުމުގެ ގޮތުން އެ އަހަރަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ލޯގޯ މިހާރު ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމުން އިފްތިތާޙްކުރައްވާފައެވެ. މި ލޯގޯ ފަރުމާކޮށްފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ރަމްޒުވާ ސިފަތައް ހިމަނައިގެންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައްޔާއި، ރާއްޖެއިން ބޭރުގައި އޮންނަ އެކިއެކި ފެއަރތަކާއި ބައްދަލުވުންތަކުގައި މި ލޯގޯ ބޭނުންކުރާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށާއި، ރާއްޖެއިން ބޭރުގައި މި ލޯގޯ ބޭނުންކުރާނީ އިނގިރޭސިބަހުން ކަމަށްވެސް ވަނީ ހަމަޖައްސަވާފައެވެ.

އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ. މިދުވަސް ކަނޑައަޅާފައިވަނީ ރާޢްޖޭގައި ފުރަތަމަ ރިސޯޓު ހުޅުވި ދުވަހަށް ނިސްބަތްކޮށްފައެވެ. މީގެ ކުރިިން ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަމުންދަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސްކަމުގައިވާ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ހުުޅުވުނު ފުރަތަމަ ރިސޯޓަކީ މާލެއަތޮޅު ވިހަމަނާފުށީގައި، 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު، ހުޅުވި ކުރުނބާ ވިލެޖް ނުވަތަ މިހާރުގެ ކުރުނބާ މޯލްޑިވްސްއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން އައީ، އެ ރިޒޯޓުގައި ތަރައްޤީކުރި 30 ކޮޓަރިންނެވެ. އެއީ ޖުމްލަ 60 އެނދެވެ. އެހެން ނަމަވެސް ފަތުރުވެރިކަމުގެ ރަން ޔޫބީލް ގުނަން ފަށާއިރު، ރާއްޖޭގައި މިހާރު 156 ރިޒޯޓާއި، 582 ޓޫރިސްޓް ހޮޓާ ގެސްޓްހައުސް އަދި 144 ސަފާރީގައި، ފަތުރުވެރިންނަށް ޚިދުމަތް ދެމުންގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއީ ޖުމްލަ 51038 އެނދެވެ. އަދި ދުނިޔޭގައި ނަން ހިނގާ ހުރިހާ ބްރޭންޑެއްގެ ރިޒޯޓުތައް މިހާރު ރާއްޖޭގައި ހުރިއިރު މިއަދު ރާއްޖޭގެ ޖީ.ޑީ.ޕީ.ގައި ފަތުރުވެރިކަމުގެ ޙިއްޞާއަކީ، 44.5 އިންސައްތައެވެ.