ވިޔަފާރި

މީރާއަށް ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރިއެރުމެއް


މިދިޔަމަހު މީރާއަށް 1.24 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 168.4 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި މިއީ އެމަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 51.8 އިންސައްތަ އިތުރު އަދަދެއް ކަމަށްވެސް މީރާއިން ހާމަކުރެއެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، މިދިޔަމަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓު، ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާގެ އިތުރުވުމެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހާ އަޅާ ބަލާއިރު މިއަހަރުގެ އޮކްޓޯބަރުމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 7 ގުނަ އިތުރުވެފައިވާކަން މީރާއިން ފާހަގަކުރެއެވެ.

މީގެއިތުރުން މިއަހަރުގެ ނޮވެމްބަރުމަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީވެސް އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށް މީރާއިން ވިދާޅުވެއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުމަހު މި ފީ ލިބިފައެއް ނުވެއެވެ.
މިދިޔަމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 62.2 އިންސައްތަ ނުވަތަ 773.23 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 6.5 އިންސައްތަ ނުވަތަ 80.99 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.60 މިލިއަން ރުފިޔާ، ގްރީން ޓްކެސްގެ ގޮތުގައި 75.40 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 45.28 މިލިއަން ރުފިޔާ ނޮވެމްބަރުމަހު މީރާއަށް ލިބިފައިވެއެވެ.

ނޮވެންބަރުމަހުގެ ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 51.31 މިލިއަން ޑޮލަރު ހިމެނޭ ކަމަށްވެސް މީރާއިން ހާމަކުރެއެވެ.