ޚަބަރު

ޙައްޤުތަކަށް ކަށަވަރުކުރުމަަށް މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ


މިއަދަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ފެށިތާ 71 އަހަރު ފުރުނުދުވަހެވެ. މީގެ އިތުރުން މިއަދަކީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ވުޖޫދުވިތާ 18 އަހަރުފުރޭ ދުވަސްވެސްމެއެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރަމުންދާއިރު އެންމެ މުހިއްމުކަމަކަށްވާނީ އެޤައުމެއްގައި ނުވަތަ އެތަނެއްގައި އިންސާނީ ޙައްޤުތައް ކަށަވަރުވެފައިވާ މިންވަރާއި، އެޙައްގުތައް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެވެ.

ފެހި ޤާނޫނު އަސާސީއާއެކު ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ތަޢާރަފްވެ، އިސްލާމީ އުސޫލުތަކުގެ ތެރެއިން އިންސާނީ ހައްޤުތަކުގެ ދާއިރާއިން އެތައްކަމެއް ކުރަން ރާއްޖޭގައި ލާޒިމް ވެގެންދިޔައެވެ.

ޖަލުތަކުގައި ހިންގާ ލާއިންސާނީ ޢަލަަލުތަކާއި، އަންހެނުންނާއި ކުޑަ ކުދިންނަށް ލިބެމުންދިޔަ އަނިޔާތަކުގެ އިތުރުން، ޝަރުޢީ ދާއިރާ އިސްލާޙުކުރުމުމުގެ މަސައްކަތާއި، އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްގު ފަދަ ކަންކަމަކީ އެކަންކަން އެންމެ ފުރިހަމައަށް ނުކުރެވިގެން އަޅުގަނޑުމެންގެ ތެރޭގައިވެސް އެންމެ ބޮޑަށް ވާހަކަތައް ދެކެވި އިސްލާޙަށް ގޮވަމުންދިޔަ ކަންކަމެވެ. މިކަންކަން ޙައްލުކުރުމައްޓަކައި ޤާނޫނުތަކާއި، ޤަވާއިދުތައް ވުޖޫދަށް ގެނައިނަމަވެސް ކަންކަން ތަންފީޒުނުކުރެވުމަކީ އެންމެ ރަނގަޅު ގޮތުގައި އިންސާނީ ޙައްޤުގެ ދާއިރާއިން ރާއްޖެއަށް އެންމެ އެދެވޭ ކުރިއެރުން ނުލިބި އޮތް ސަބަބުތަކެވެ.

މީގެ އިތުރުން މިހާރުވެސް، ތަޖުރިބާކާރުންނާއި، ގުޅުންހުރި ޢިދާރާތަކުން އެންމެ ބޮޑަށް ފާހަގަކުރާ އެއްކަމަކީ، އިންސާނީ ހައްޤުތައް ޢާއްމުންނަށް އެނގޭ މިންވަރު ކުޑަވުމެވެ. އެހެންކަމުން އަދިވެސް އެންމެ މުހިއްމު އެއްކަމަކަށް ކުރަންއޮތީ މީހުން ހޭލުންތެރި ކުރުވުންކަމަށް ތަޖުރިބާކާރު ބޭފުޅުން ދެކެވަޑައިގަންނަވައެވެ.

ހިއުމަން ރައިޓްސް ކޮމިޝާން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮންމެ އަހަރަކުވެސް އެކޮމިޝަނަށް މައިގަނޑުގޮތެއްގައި 14 ދާއިރާއަކުން މައްސަލަ ހުށައެޅެއެވެ.

ހައްޤުތައް ގެއްލިގެން ޢާންމުކޮށް ހުށަހެޅޭ މައްސަލަތައް

  • ރަނގަޅު ފެންވަރެއްގައި ޞިއްޙީ ޚިދުމަތް ލިބުމާގުޅޭ މައްސަލަ
  • ޢާއިލާ ބިނާކުރުމުގެ ޙައްޤާއި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި މައްސަލަ
  • އުނގެނުމުގެ ޙައްޤާ ގުޅުންހުރި މައްސަލަ
  • ޢުމުރުން ދުވަސްވީ ފަރާތްތަކުގެ ޙައްޤުތަކާ ގުޅުންހުރި މައްސަލަ
  • ލާއިންސާނީ އަނިޔާއާ ގުޅުންހުރި މައްސަލަ
  • ބޯހިޔާވަހިކަމާ ގުޅުންހުރި މައްސަލަ
  • ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތަކާ ގުޅުންހުރި މައްސަލަ
  • އިޤްތިޞާދީ އިޖްތިމާޢީ ޙައްޤުތަކާ ގުޅުންހުރި މައްސަލަ
  • މަސައްކަތްކުރުމުގެ ޙައްޤާ ގުޅުންހުރި މައްސަލަ
  • ޝަރުޢީ ދާއިރާގެ ޙައްޤުތަކާ ގުޅުންހުރި މައްސަލަ
  • ޤައިދީންގެ ޙައްޤުތަކާ ގުޅުންހުރި މައްސަލަ
  • ބަންދުކުރެވޭ ފަރާތްތަކުގެ ޙައްޤުތަކާގުޅޭ މައްސަލަ

ހިއުމަން ރައިޓްސް ކޮމިޝަނުން މައްސަލަތައް ބެލުމާއި، ނިންމުމުގައި ހިތްހަމަ ނުޖެހުންތަކެއް ހުންނަކަން ސޯޝަލް މީޑިއާގައި ޢާންމުފަރާތްތަކުން އަބަދުވެސް ބުނަމުންދެއެވެ. މިދިޔަ 2020ވަނަ އަހަރުގެ ސެޕްޓޭމްބަރު މަހު ހިއުމަންރައިޓްސް ކޮމިޝަނަށް އައްޔަންކުރި އައު 4 މެންބަރުންނާއެކު އެކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާގޮތާމެދު ޢާންމުން ދެކޭގޮތް ބަދަލުކުރުމަށް ކޮމިޝަނުންދަނީ މަސައްކަތްތައް ކުރަމުންނެވެ.

މިދިޔަ 2 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2020ވަނަ އަހަރު އެ ކޮމިޝަނުން އިސްނަގައިގެން 157 މައްސަލައާއި، ކޮމިޝަނަށް ހުށަހަޅާފައިވާ 510 މައްސަލައާއެކު، އެކުޖުމްލަ 627 މައްސަލަ ރަޖިސްޓަރކޮށްފައިވެއެވެ. މިގެ ތެރެއިން ކުރީގެ އަހަރުތަކުގައި ހުށަހަޅާފައިވާ މައްސަކަތައްވެސް ހިމެނޭގޮތަށް ޖުމްލަ 308 މައްސަލަވަނީ ބަލައި ނިންމާފައެވެ.

ނިމެމުންމިދާ 2021ވަނަ އަހަރަށް ބަލާއިރު، އެކޮމިޝަނަށް މިހާތަނަށް 517 މައްސަލަ ހުށަހަޅާފައިވެއެވެ.
އަދި މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 212 މައްސަލަ ބަލާ ނިންމާފައިވެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ޤައިދީންނާއި ބަންދުމީހުންގެ ޞިއްޙަތާ ގުޅިގެންކަން އެކޮމިޝަނުން ފާހަގަކުރެއެވެ. ނަތީޖާއެއްގެ ގޮތުން ކޮމިޝަނުން މިއަހަރުވަނީ ގުޅުންހުރި އިދާރާތަކާއެކު ޚާއްސަ ސިމްޕޯޒިއަމެއް ބާއްވާފައެވެ. މީގެ އިތުރުން ކޯވިޑްގެ ފުރަބަންދާއިި، އެޅި ފިޔަވަޅުތަކާއެކު ގިނަ ބަޔަކު ގޭގައި ތިބެނެޖެހުމުގެ ސަބަބުން ގެވެށިއަނިޔާގެ މައްސަލަތަކާއި، ޖިންސީ ގޯނާގެ މައްސަލަތައްވެސް ފާހަގަވެގެންދިޔައެވެ.

އިންސާނީ ހައްޤުތައް ކަށަވަރުކޮށްދީ އެޙާލަތު ރަނގަޅުކުރުމަކީ މިހާރުގެ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެކެވެ. ފާއިތުވެދިޔަ 3 އަހަރުގެ ތެރޭގައި މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ކުޑަކުދިންގެ ޢަދަލުގެ ޤާނޫނާއި، ތަޢުލީމުގެ ބިލާއި، އެނޫންވެސް ގިނަ ޤާނޫނުތަކެއް ފާސްކޮށް ވަނީ ތަސްދީޤްކުރައްވާފައެވެ.

އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް ކުރީ ސަރުކާރުން ޤާނޫނަށް ގެނައި އިޞްލާހު ބާޠިލުކޮށް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެމީހުން ޤާނޫނީ އިމުގެތެރެއަށް ވެއްދުމާއި ޤަވާއިދާ ޚިލާފަށްއުޅޭ ބިދޭސީން އަނބުރައި އެމީހުންގެ ޤައުމުތަކަށް ފޮނުވާލަން ފެށުން މިއީ ފާހަގަކޮށްލެވޭ ކަންކަމެވެ.

މިއަހަރުގެ މިހާތަނަށް އިންސާނީ ހައްޤުގެ ދާއިރާއިން ރާއްޖެ ހޯދި ބައެއް ކުރިއެރުން

ދަރިވަރުންގެ އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް ކޮމިޓީއެއް އުފެއްދެވިއެވެ. ދަރިވަރުންގެ އިންސާނީ ކަރާމާތަށް ބުރޫ އަރާފާނެފަދަ ޙާދިސާތަކުން ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން ރާއްޖޭގައި ފުރަތަމަފަހަރަށް "އެޑިޔުކޭޝަން އިން އެމަޖެންސީ އެޑްވައިޒަރީ ކޮމިޓީ"އެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިސްނަގައިގެން ވަނީ އެލުލަވާލާފައެވެ.

މިއީ ދަރިވަރުންގެ އިންސާނީ ކަރާމާތަށް ބުރޫ އަރާފާނެފަދަ ޙާދިސާތަކާއި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ސްކޫލުގެ މާޙައުލާއި ސްކޫލްގެ ރައްކާތެރިކަން ދެމެހެއްޓުމަށާ، އިމަޖެންސީތަކާއި ޑިޒާސްޓަރގެ ޙާލަތްތަކަށް އިޖާބަދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމުގެ މަޤްޞަދުގައި އެކުލަވާލި ކޮމިތީއެވެ. އަދި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަށް ގުޅިގެން މަސައްކަތް ކުރުމަށް މި ކޮމިޓީން މަސައްކަތް ކުރެއެވެ.

އިނގިރޭސިވިލާތުގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ދިވެހިރާއްޖެ އުނިކުރުން

ރާއްޖޭގައި އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކޮށް، އިންސާނީ ހައްޤުތައް ކުރިއަރުވަން ސަރުކާރުން ކުރައްވަމުންދާ މަސައްކަތް އިނގިރޭސިވިލާތުން ބަލައިގަނެ، އެގައުމުގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ދިވެހިރާއްޖެ އުނިކޮށްފައިވާއިރު، އިނގިރޭސިވިލާތަކީ، އެޤައުމުތަކާއެކު ވިޔަފާރިއާއި އެހެނިހެން ގުޅުންތައް ބޭއްވުމުގައި އެގައުމެއްގެ އިންސާނީ ހައްޤުތަކުގެ ޙާލަތުގެ މައްޗަށް ރިޢާޔަތްކުރާ ޤައުމެކެވެ. މި ލިސްޓުން ރާއްޖެ އުނިކުރުމުގެ ސަބަބުން ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.

އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމެޓީއަށް ފުރަތަމަ ފަހަރަށް ދިވެހި މެމްބަރެއް ހަމަޖެއްސެވިއެވެ. ޤާނުނު ހަދާ މަޖިލިސްތައް ތަމްސީލު ކުރާ ދުނިޔޭގެ ޖަމުއިއްޔާ (އައިޕީޔޫ)ގެ ހިއުމަން ރައިޓްސް ކޮމެޓީގެ މެމްބަރުކަމަށް ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވަނީ ހޮވިވަޑައިގެންފައެވެ. މީ މިކޮމެޓީގެ މެމްބަރުކަމަށް ރާއްޖޭގެ މެމްބަރަކު ހޮވިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ޑިމޮކްރެސީއާއި ހިއުމަން ރައިޓްސް އަށް ހުރި ގޮންޖެހުންތަައް އެ ކޮމެޓީން ދެނެގަނެ، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ޤާނޫނު ހަދާ މަޖިލިސްތަކުން ކުރަންޖެހޭ ކަންތައްތަކުގެ ގޮތުގައި ހުށަހެޅުމުން، މުޅި އައިޕީޔޫގެ މެމްބަރުންގެ މެދުގައި ޤަރާރުތަކެއްގެ ގޮތުގައި އެކަންކަން ފާސްކުރެއެވެ.

25 އަހަރު ވެފައިއޮތް އިންސާނީ ވަގުފާރީގެ މައްސަލަ ޙައްލުކުރިއެވެ. އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް މިދިޔަ ސެޕްޓޭމްބަރު މަހުގެތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ، ރާއްޖޭގައި 281،000 ބިދޭސީން އެބަތިބިކަމަށެވެ. އޭގެ ތެރެއިން ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރަނގަޅު މަސައްކަތެއް ކުރެވިފައިވާކަމަށާއި، އެކަން ތަފާސްހިސާބުތަކުން ވަރަށް ސާފުކޮށް ފެންނަން އެބަހުރިކަމަށެވެ.

ބިދޭސީންގެ މައްސަލައަކީ ފާއިތުވި 25 އަހަރުތެރޭގައި އުފެދިފައިވާ މައްސަލައެއްކަން ފާހގަކުރައްވަމުން ވިދާޅުވެފައިވަނީ އިންސާނީ ވަގުފާރީގެ މައްސަލަ އެންމެ ގިނައިން ހިނގަމުން އަންނަނީ ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ ތެރޭގައިކަމަށެވެ. އަދި އެއީ ވަރަށް އަނިޔާވެރިކޮށް ހިނގަމުން އައިކަމެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ. ނަމަވެސް މިސަރުކާރުން އެކަމަށް ހައްލު ގެނެސްފައިވާކަމާއި، އިންސާނީ ވަގުފާރި މިހާރު ރާއްޖޭގައި ހިނގަމުން ނުދާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ޖަލުތަކުގެ ޙާލަތު ރަނގަޅުކޮށް "މަންޑޭލާ ރޫލްސް"އަށް ޖަލުތަކުގެ ކަންކަން ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއްވަނީ ސަރުކާރުން ކުރައްވާފައެވެ. އެގޮތުން އެކަށީގެންވާ ސިއްޙީ ޚިދުމަތްތައް ފޯރުކޮިށްދެވޭނެ އިންތިޒާމު ޖަލުގައި ހަމަޖެއްސުމާއި، ރިހެބިލިޓޭޝަންގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައްދަނީ ހަމަޖައްސަމުންނެވެ، އަދި ޚާއްޞަ އެހީތެރިކަން ބޭނުންވާމީހުންގެ ހައްޤުތައް ކަށަވަރުކުރުމާއި، ޝަރުޢީ ދާއިރާއިން ރައްޔިތުންނަށް އިންސާފު ލިބެމުން އަންނަކަމުގެ އިޙްސާސް މިހާރު ރައްޔިތުންނަށް ކުރެވޭނެކަމަށް ސަރުކާރުންވެސް އަދި އާންމު ފަރާތްތަކުންވެސް މިހާރު ގަބޫލުރާކަން ދަނީ ހާމަކުރަމުންނެވެ.