މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އާއި މިހާރު ނޫސް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޕޯޓް ސޭފްޓީ ވީކް ރަން 2021" މި މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
"ރައްކާވެ ތިބިއްޔާ ދަތުރު"ގެ ޝިއާރުގެ ދަށުން އެމްޕީއެލްއިންއިން ކުރިއަށްގެންދާ ސޭފްޓީ ކެމްޕްއިނަކީ ހޭލުންތެރިކުރުވުމަށާ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބާއްވަމުން އަންނަ ކެމްޕެއިންއެކެވެ. މި ކެމްޕެއިން ފުރަތަމަ ބޭއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
"ރައްކާވެ ތިބިއްޔާ ދަތުރު" ޝިއާރުގެ ދަށުން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 'ޕޯޓް ސޭފްޓީ ވީކް ރަން 2021' އަކީ ހަފްތާއަކަށް ދިގުދެމިގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިން ކުރިއަށް ގެންދިއުމަށްޓަކައި މިއަހަރު ހުޅުމާލޭގައި 5 ކިލޯމީޓަރުގެ ދުވުމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިދުވުމުގައި ބޭނުންކުރާ ޓީޝާޓާއި މެޑަލް ފަދަ ތަކެތި ވިއްކައިގެން ލިބޭ ފައިސާ "އަރކް"އަށް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.
'ޕޯޓް ސޭފްޓީ ވީކް ރަން 2021' އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަމަކީ ޕޯޓުގެ ދާއިރާގައި މިހާރު ވަރަށް ބޮޑަށް އިސްކަން ދޭން ޖެހިފައިވާ ކަމެއްކަމަށެވެ. ހާއްސަގޮތެއްގައި ފަހުގެ ތާރީޚުގައި ހިނގާދިޔަ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން ޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އެކުންފުނިން އިތުރު ސަމާލުކަމެއް ދީގެން މަސައްކަތްކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މި ކެމްޕެއިންއަށް މިއަހަރު އިތުރުކުރެވިގެން ދިޔަ "ރަން" ގެ ސަބަބުން އާންމުންގެ މެދުގައިވެސް ސަލާމަތާއި ރައްކާތެރިކަމުގެ ހޭލުންތެރިކަން އިތުރުވެގެން ދާނެކަމަށް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.
" ޕޯޓް ސޭފްޓީ ވީކްގެ ޕްރޮމިނަންސް ނޫނީ މުހިންމުކަން ގިނަ ފަރާތްތަކަކަށް ދައްކާދިނުމުގެ ގޮތުން މި "ރަން" ގެ ތެރޭގައި ބޭނުންކުރެވޭ ޝިޢާރުތަކާއި، ލޯގޯތަކާއި ބެނާތައް ހިމެނޭނެ. މިކަންތައްތަކުގެ ތެރޭންވެސް އިތުރަށް ހޭލުންތެރި ވާންޖެހޭ ދާއިރާތަކަށް ފޯކަސްކޮށްގެން އެދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރެވޭނެ. "އެމްޕީއެލްގެ ސިއީއޯ ޝާހިދު އަލީ ވިދާޅުވިއެވެ.
މިކެމްޕެއިންގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިރާއްޖޭގެ ހުރިހާ އިންޑަސްޓްރީތަކެއްގައި ހެލްތު އެންޑް ސޭފްޓީ އެވެއަރނަސް އިތުރުވެގެން ދިއުންކަމުގައި އެމްޕީއެލްއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި ޚާއްސަ ގޮތެއްގައި މިކެމްޕެއިންގެ ސަބަބުން ޕޯޓު ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި އެހެނިހެން މަސައްކަތުގެ ދާއިރާތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެކަމަށް އުންމީދުކުރެވޭކަމަށްވެސް އެ ކުންފުނިން ހާމަކުރައްވައެވެ.