ވިޔަފާރި

އެމްޕީއެލްގެ ޕައިލަޓޭޖް ފީތައް މިމަހުގެ 15 އިން ފެށިގެން ހެޔޮކުރަނީ


މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނަގަމުންދިޔަ ޕައިލަޓޭޖް ފީތައް މިމަހުގެ 15 އިން ފެށިގެން ކުޑަކުރާނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. އެމްޕީއެލްއިން ފޯރުކޮށްދޭ މެރިން އަދި ޕައިލަޓޭޖްގެ ޚިދުމަތްތަކަށް ނަގަމުންދިޔަ ޕައިލަޓޭޖް ފީތައް އެންމެ ފަހުން ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ.

ޕައިލަޓޭޖް ފީ ކުޑަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އެމްޕީއެލްއިން ޕައިލަޓޭޖް ފީއަށް މި ބަދަލު ގެނައީ އަވައްޓެރި އެހެން ޤައުމުތަކުގެ ޕޯޓުތަކުން މިވަގުތު ނަގަމުންދާ ޕައިލަޓޭޖް އަގުތައް ރިވިއުކުރުމަށްފަހުގައިކަމަށެވެ. އަދި މިހާރު ގެނައި މިބަދަލުތަކަކީ ސަރަހައްދީ ޤައުމުތަކުގައި ނަގަމުންދާ ޕައިލަޓޭޖް ފީތަކާއި ވާދަވެރި އަޅާކިޔޭނެ އަގުތަކަކަށް ވެގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

"ޕައިލަޓޭޖް ޓެރިފް މިހާރު އަޅުގަނޑުމެން މި ރިވިއު ކުރީ ގާތްގަނޑަކަށް ކޮލަންބޯއާއި އެއްވަރަށް. އަދި މޮރީޝަސް ސީޝެލްސްއަށްވުރެ ކުޑަތަންކޮޅެއް ހަމަ ކުޑަވާގޮތައް. އިންޑިއާގެ ބައެއް ޕޯޓުތަކަށްވުރެ ވަރަށް ބޮޑުތަން ކުޑަކޮށް މިހާރު އަޅުގަނޑުމެންގެ ޓެރިފް އިންނާނީ." ޝާހިދު އަލީ ވިދާޅުވިއެވެ.

ޕައިލަޓޭޖް ފީ އަލުން އެމްޕީއެލްއިން ރިވިއު ކުރިއިރު ގެނައި ބަދަލާއެކު މާލޭ ވިޔަފާރި ބަނދަރަށް އަންނަ ބޯޓު ފަހަރާއި ފަސިންޖަރ ލައިންތަކުގެ ޕައިލަޓޭޖް ފީތައް އެވްރެޖްކޮށް ވަނީ %50 ކުޑަކޮށްފައެވެ. އަދި މީގެ އިތުރުން ވެރީ ލާޖް ކްރޫޑް ކެރިއަރ ތަކަށް ޕައިލަޓޭޖް ފީތައް %20 އާއި ހަމައަށް ވަނީ ކުޑަކޮށްފައެވެ. މީގެއިތުރުން ޓަގު ކުއްޔަށް ދިނުމުގެ އަގުވެސް ވަނީ %30 އާއި %50 އާއި ދެމެދަށް ކުޑަކޮށްފައެވެ.