ޚަބަރު

ޗައިނާގެ ޔުނާން ޕްރޮވިންސްގައި ރާއްޖޭގެ ޓްރޭޑް އޮފީހެއް ހުޅުވަނީ


އަންނަ އަހަރުގެ ޖޫން މަހުގެ ކުރިން ޗައިނާގެ ޔުނާން ޕްރޮވިންސްގައި ޓޫރިޒަމް ރަމްޒުކޮށްދޭ ރާއްޖޭގެ ޓްރޭޑް އޮފީހެއް ޤާއިމްވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާވެއްޖެއެވެ.ޗައިނާގެ ޔުނާން ޕްރޮވިންސްގެ ވޯކިން ގްރޫޕާއި ރާއްޖެއާއި ދެމެދު އޮންނަ އިޤްތިޞާދީ ގުޅުންތައް ވަރުގަދަކުރުމާއި ގުޅޭގޮތުން ބޭއްވެވި ރަސްމީ މަޝްވަރާތައް ނިންމަވާލެއްވުމަށްފަހު އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ސަރުކާރުން ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން ޔުނާން ޕްރޮވިންސްގެ ވޯކިން ގްރޫޕާއިއެކު ގިނަ ކަންތައްތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން ކުރެވޭ މަސްވަރާގެ ސަބަބުން ލިބިފައިވާ ކުރިއެރުންތަކަށް ބަލާލައި މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ރަމްޒުކޮށްދޭ ޓްރޭޑް އޮފީހެއް ޗައިނާގައި ޤާއިމްކުރުމާއި ކަންޓްރީ އޮފް އޯނަރގެ ސްޓޭޓަސްވެސް ރާއްޖެއަށް ލިބިފައިވާކަމަށެވެ. އަދި ޔުނާން ޕްރޮވިންސުން ރާއްޖެއަށް އަންނަ އެއާލައިންތައްވެސް އިތުރުވެގެން ގޮސްފައިވުމަކީ މިކަމުގެ ހެއްކެއް ކަމަށް މިނިސްޓަރ ފާހަނގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ޔުނާން ޕްރޮވިންސަކީ ޗައިނާއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އަންނަ އެއް ޕްރޮވިންސް ކަމަށެވެ.މި މަޝްވަރާތަކުގައި ރާއްޖެ ތަމްސީލުކުރައްވާފައިވަނީ، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ. ޗައިނާގެ ޔުނާން ޕްރޮވިސްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހޮޓެލް ޖެންގައެވެ.