ވިޔަފާރި

އެމެރިކާގައި ވަޒީފާ ނެތް މީހުންގެ ޢަދަދު ދަށަށްދާކަމަށް ދައްކައިފި


އެމެރިކާގައި ވަޒީފާ ނެތް މީހުންގެ ޢަދަދު ދަށަށްދާކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.
އެމެރިކާގެ ސަރުކާރުން މިދިޔަހަފްތާގައި ނެރުނު ރިޕޯޓުތަކުން ދައްކާގޮތުން އެޤައުމުގައި ތިބި ވަޒީފާ ނެތް މީހުންގެ ޢަދަދު ވަނީ %4.2 ދަށަށްގޮސްފައެވެ. މި ރިޕޯޓުތަކާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ މިއީ މިހާތަނަށް އަހަރެއްގެ ތެރޭގައި އެޤައުމުގެ ވަޒީފާ ނެތް މީހުންގެ ޢަދަދު އެންމެ ބޮޑަށް ދަށަށް ދިޔަފަހަރުކަމަށެވެ.

އެމެރިކާގެ ވަޒީފާގެ ބާޒާރަށް ބަލާއިރު ފާއިތުވި ނޮވެމްބަރުމަސް ފިޔަވައި މިއަހަރުގެ ކޮންމެ މަހަކު އެވްރެޖްކޮށް 550،000 ވަޒީފާ އިތުރުވެފައިވެއެވެ. ނަމަވެސް މިދިޔަމަހު 210،000 ވަޒީފާއާއެކު މި ޢަދަދު ވަނީ ދަށްވެފައެވެ. މިހާރު ފެތުރެމުންދާ އޮމިކްރޯންގެ އަސަރު ނުހިމަނައި ހަދާފައިވާ ރިޕޯޓުތަކަށް ބަލާއިރު، ނޮވެމްބަރުމަހު ވަޒީފާ އިތުރުވެފައިވާ މިންވަރަކީ އަންދާޒާކުރި ވަރަށްވުރެ ދެބައިކުޅަ އެއްބައި މަދު ޢަދަދެއްކަމަށާއި، މިކަމާމެދު ކަންބޮޑުވާކަމަށް އެޤައުމުގެ ސަރުކާރުން ހާމަކުރެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރިގެންއައި ދުވަސްވަރު ވަޒީފާގެ ބާޒާރަށްއައި ހީނަރުކަމާއެކު އެމެރިކާގައި ވަޒީފާ ނެތް މީހުންގެ ޢަދަދު 7 މިލިއަނަށް އިތުރުވެފައިވެއެވެ. މީގެއިތުރުން މިދިޔައަހަރުގެ އޭޕްރީލް މަހުގެ ހިސާބުތަކަށް ބަލާއިރު އެޤައުމުގައި ވަގުތީގޮތުން ވަޒީފާއަށްނިކުތުން މެދުކަނޑާލުމަށް އަންގާފައިތިބި މީހުންގެ ޢަދަދު 18 މިލިއަނަށް އަރާކަމަށާއި، މިހާރު މިޢަދަދު 8 ލައްކައަށް ތިރިކުރެވިފައިވާކަމަށް އެޤައުމުގެ ސަރުކާރުން ހާމަކުރެއެވެ.

އެމެރިކާގައި މީގެ ދެއަހަރު ކުރިއާ އަޅާބަލާއިރު 4 މިލިއަނެއްހާ ވަޒީފާ އަދިވެސް މަދު ނަމަވެސް ވަޒީފާގެ ބާޒާރު ކުރިއަރަމުން އަންނަކަން ފާހަގަކުރެވޭކަމަށް އެޤައުމުގެ ރަސްމީ އިދާރާތަކުން ހާމަކުރެއެވެ. މި ރިޕޯޓުތަކުގައި ހިމަނާފައިވަނީ ދަނޑުވެރިކަން ފިޔަވައި އެހެން ދާއިރާތަކުގެ ވަޒީފާތަކެވެ.