ޚަބަރު

ހަމައަގު ހޯދައިދޭން އޮތް އެންމެ ބޮޑު ހުރަހަކީ އީޔޫގެ ޓެކްސް: ފިޝަރީޒް މިނިސްޓަރ


ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ދިވެހިރާއްޖެއިން މަސް އެކްސްޕޯޓްކުރުމަށް ނަގާ ޑިއުޓީ ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރ މިހެން ވިދާޅުވީ މި އަހަރުގެ މަސްވެރިންގެ ދުވަހުގު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މަސްވެރިންގެ ފޯރަމް އިފްތިތާޙްކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައެވެ.

މަސްވެރިންގެ ފޯރަމް އިފްތިތާހުކޮށްދެއްވަމުން ފިޝަރީޒް މިނިސްޓަރ ވިދާޅުވީ، މިވަގުތުވެސް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހައްލުކުރަންޖެހޭ ގިނަ މައްސަލަތަކެއް ހުރިކަން ޤަބޫލުފުޅު ކުރައްވާކަމަށެވެ. އެގޮތުން މި ސިނާޢަތުގައި އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައްކަމަށާއި، އެކަމަށް އޮތް ގޮންޖެހުންތަކާއި ކުރަންޖެހޭ މަސައްކަތްތައްވެސް ގިނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަސްވެރިންނަށް ހަމައަގު ލިބުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ދިވެހިރާއްޖެއިން މަސް އެކްސްޕޯޓްކުރުމަށް ނަގާ ޑިއުޓީ ބޮޑުވުންކަމަށެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަދުން ފެށިގެން ދެދުވަހުގެ މުއްދަތަށް ގާފަރުގައި ކުރިއަށްދާ މަސްވެރިންގެ ފޯރަމްގައި މިއަދުގެ ސެޝަން މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ މަސްވެރިކަމުގައި ހުރި ގޮންޖެހުންތަކަށެވެ. މިގޮތުން، މަސްވެރިންނަށް ހަމައަގު ހޯދާ ދިނުމުގައިހުރި ގޮންޖެހުންތަކަށާއި މަތީއަގުލިބޭ  ލިބޭ ޕްރިމިއަމް މާކެޓުތަކަށް ރާއްޖޭގެ މަސް ވިއްކުމަށް އޮތް ފުރުސަތު ހަނިވަމުންދާ މައްސަލައިގެ މައްޗަށާއި، ތެލުގެ އަގު އުފުލުމާއި، މަސްވެރިކަން ކުރުމުގެ ޚަރަދު ނިސްބަތުން ބޮޑުވުމުގެ މައްޗަށެވެ.

މީގެއިތުރުން މަހުގެ ކޮލިޓީ ނިސްބަތުން އަދިވެސް ދަށްކަމަށާއި މަސްވެރިން ބާނާ މަހުގެ ނިސްބަތުން ބޮޑު މިންވަރެއް، މަތީއަގު ލިބޭގޮތައް ޕްރޮސަސްނުކޮށް، ރޯމެޓީރިއަލްގެ ގޮތުގައި އެކްސްޕޯޓް ކުރަން ޖެހިފައިވާ ޖެހުމުގެ މައްޗަށް ވެސް، މިއަދުގެ ފޯރަމްގައި މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ. އަދި ހަމަ ދެމެހެއްޓެނެވި ގޮތުގައި ދޮށިން އަދި އަތުނަނުގައި ބާނާމަހަށް ލިބެމުން އައި ޕްރިމިއަމް އަގު ގެއްލެމުން ދިޔުމާއި، އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރާ ރާއްޖެއާއި ވާދަވެރި ބައެއް ގައުމުތަކަށް ރާއްޖެއަށް ވުރެ ކުޑައަގެއްގައި އިމްޕޯޓް މާކެޓްތަކަށް މަސްވިއްކޭކަން ފާހަގަކޮށް މަސްވެރިކަން ތަރައްޤީކުރުމުގައި އެކަންތައްތަކަށް އަލިއަޅުވާލާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިންނަށް ޚާއްސަކޮށްގެން މިފަދަ ފޯރަމެއް ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ މަސްވެރިކަމުގައި ދިމާވަމުންދާ ގޮންޖެހުންތަކާއި، ހުރި ކަންބޮޑުވުތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އެކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށްޓަކައި މަސައްކަތް ކޮށްދެއްވުން ކަމުގައި މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.

މިއަދުގެ ފޯރަމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަސްވެރިންނާއި، މި ސިނާޢަތުގައި ހަރަކާތްތެރިވާ މަސްކުންފުނިތަކުގެ އިސް ބޭފުޅުނާއި ސިނާއަތުގެ ފަންނީ މާހިރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.