ޚަބަރު

ޖެނެރަލް ބިޕިން އަބަދުވެސް އިސްކުރެއްވީ ޤައުމީ މަސްލަހަތު: ރައީސް


އިންޑިޔާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރަވާތު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޖެނެރަލް ބިޕިން މިއަދު އަވަހާރަވީ އޭނާ ދަތުރުކުރެއްވި ހެލިކޮޕުޓަރު ވެއްޓި ހިނގި ހާދިސާއެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައެވެ.

ރައީސް ސާލިހު ވިދާޅުވީ 2019 ވަނަ އަހަރު ޖެނެރަލް ބިޕިންއާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިކަމަށާއި، ޖެނަރަލް ބިޕިންއަކީ އެހެން ހުރިހާ ކަމަކަށްވުރެ ޤައުމީ މަސްލަހަތު އިސްކުރެއްވި ބޭފުޅެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޓްވީޓުގައި ޖެނެރަލް ބިޕިން އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނުގެ އާއިލާއާއި އިންޑިއާ ސަރުކާރަށް ތައުޒިޔާ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވަނީ ޖެނަރަލް ބިޕިން އަވަހާރަވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވެފައެވެ.

އިންޑިޔާގެ ވައިގެ ސިފައިން ބުނެފައިވާ ގޮތުގައި ޖެނެރަލް ބިޕިން ދަތުރުކުރެއްވި ހެލިކޮޕުޓަރު ވެއްޓިފައިވަނީ އެ ޤައުމުގެ ދެކުނުގައި އޮންނަ ޓެމިލް ނާޑޫގެ ސައިފަތް ދަނޑެއް ކައިރިއަށެވެ.

އެ ޙާދިޘާގައި ޢުމުރުފުޅުން 63 އަހަރުގެ ބިޕިންގެ އިތުރުން، އޭނާގެ އަނބިކަނބަލުން މަދޫލިކާ ރަވާތާއި، އިންޑިއާ އަސްކަރިއްޔާގެ އޮފިޝަލުންތަކެއް ވަނީ މަރުވެފައެވެ.