ޚަބަރު

އިންޑިޔާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން އަވަހާރަވެއްޖެ


އިންޑިޔާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރަވާތު އަވަހާރަވެއްޖެއެވެ.

ޖެނެރަލް ބިޕިން އަވަހާރަވީ އޭނާ ދަތުރުކުރެއްވި ހެލިކޮޕުޓަރު ވެއްޓި ހިނގި ހާދިސާއެއްގައެވެ.

އިންޑިޔާގެ ވައިގެ ސިފައިން ބުނެފައިވާ ގޮތުގައި ޖެނެރަލް ބިޕިން ދަތުރުކުރެއްވި ހެލިކޮޕުޓަރު ވެއްޓިފައިވަނީ އެ ޤައުމުގެ ދެކުނުގައި އޮންނަ ޓެމިލް ނާޑޫގެ ސައިފަތް ދަނޑެއް ކައިރިއަށެވެ.

އެ ޙާދިޘާގައި ޢުމުރުފުޅުން 63 އަހަރުގެ ބިޕިންގެ އިތުރުން، އޭނާގެ އަނބިކަނބަލުން މަދޫލިކާ ރަވާތާއި، އިންޑިއާ އަސްކަރިއްޔާގެ އޮފިޝަލުންތަކެއް ވަނީ މަރުވެފައެވެ.

ހަބަރުތައް ބުނާގޮތުން ހެލިކޮޕުޓަރު ވެއްޓުނީ ދުންފިނީގެ ސަބަބުން ދަތުރުކުރަމުންދިޔަ މަގު ރަނގަޅަށް ނުފެނުމުންނެވެ.

ހެލިކޮޕުޓަރު ވެއްޓުނީ ޓެމިލް ނާޑޫގައި ހުންނަ އާމީ ޑިފެންސް ސާވިސަސް ކޮލެޖަށް ޖެނެރަލް ބިޕިން ވަޑައިގަންނަވަނިކޮށެވެ.

އިންޑިޔާގެ އަސްކަރިއްޔާއިން ވަކިވެވަޑައިގެން ޗީފް އޮފް ޑިފެންސް ސުޓާފުގެ މަޤާމާ ޖެނެރަލް ބިޕިން ޙަވާލުވެވަޑައިގަތީ 2019ވަނަ އަހަރުގެ ތެރޭގައެވެ. އޭނާއަކީ އެ މަޤާމު ފުރުއްވައި ފުރަތަމަ ބޭފުޅާއެވެ. އަދި އޭނާއަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވަރަށް ގާތް ބޭފުޅެކެވެ. އޭނާވަނީ 40 އަށްވުރެ ގިނަ އަހަރު އިންޑިޔާގެ އަސްކަރިއްޔާގައި މަސައްކަތްކުރައްވައިފައެވެ.