ޚަބަރު

"އަމާޒަކީ ވެމްކޯގެ މަސައްކަތް ޤައުމީ ފެންވަރުގައި ފާހަގަކުރެވޭފަދަ މަސައްކަތަކަށް ބަދަލުކުރުން"


ޒުވާނުން ތަމްރީން ކުރުމަށްޓަކައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވެމްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއެކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދުއެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއިލްއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ޒުވާނުން ތަމްރީނުކުރާ މި ޕްރޮގްރާމަކީ ޔޫތު މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނައި މޯލްޑިވްސް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް އަމާޒަކީ ކުރިއަށް އޮތް އަހަރު ތެރޭގައި 3،000 މީހުން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތު އެފަރާތްތަކަށް ހޯދައިދިނުންކަމަށް ޔޫތު މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން މިއަހަރު ތެރޭގައި 29 ކުދިން ތަމްރީނުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދުގެ ދެއްކެވި ވާހަކައިގައި އެކުންފުނިން މި ޕްރޮގްރާމް ހިންގުމުގެ އެންމެ ބޮޑު އެއްބޭނުމަކީ ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. އެގޮތުން ބޭރުން ކިޔަވައިގެން އަންނަ މީހުންނާ އެއް ފެންވަރުގައި ނުވަތަ އެއަށްވުރެވެސް ރަނގަޅަށް ޕްރެކްޓިކަލް އިންޖިނިއަރިންގ މަސައްކަތް ދަންނަ މީހުން ތިބިކަމަށާއި އެފަދަ މީހުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ އެކުންފުނީގެ ވަރަށް ބޮޑު އަމާޒެއްކަމަށް ވެމްކޯގެ އެމްޑީ ވިދާޅުވިއެވެ.

" ރާއްޖޭގައި ވޭސްޓް މެނޭޖްމަންޓްގައި ތިއްބަވާ ހުރިހާ ބޭފުޅުންނަކީ ނެޝަނަލް ލެވަލްގައި ސެޓިފައިޑް، ސްކިލްޑް، ލޭބަރ ކެޓަގަރީއަކަށް، އަޅުގަނޑުމެންގެ ވެށިފާރަވެރިން މިކުރާ މަސައްކަތް ފައްތާ، އެބޭފުޅުންނަކީ ސެޓިފައިޑް ސްކިލްޑް އޭރިއާއެއްގެ ގޮތުގައި މަސައްކަތްކުރާ ނެޝަނަލް ލެވެލްގައި ރެކޮގްނައިޒް ކުރާ މަސައްކަތްތަކަކަށް އެކަން ބަދަލުވެގެން ދިއުން އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު މަގްސަދު." ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވިއެވެ.

ވެމްކޯއިން މިހާރު ދަނީ، އެކުންފުނިން ބޭނުންކުރަމުންދިޔަ ވަގުތީ ޓްރާންސްފާރ ސްޓޭޝަން އެހެން ތަނަކަށް ބަދަލުކޮށް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އާދަމް މުހައްމަދު ވިދާޅުވިއެވެ. އެހާ ދަތި ދަނޑިވަޅެއްގައި ވެސް މިފަދަ ޕްރޮގްރާމެއް ހިންގުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އެ ކުންފުނިން ދެކޭކަމަށް އެމްޑީ ވަނީ ވިދާޅުވެފައެވެ.

" އަޅުގަނޑުމެންގެ އަލަށް އަންނަ ވަރަށް ގިނަ މެޝިނަރީސްތަކެއް، ހާއްސަކޮށް ގްރޭޓަރ މާލޭ އޭރިޔާގައި ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން މިދަނީ އިންވެސްޓް ކުރަމުން. އެހެންވެ އަޅުގަނޑުމެން އެއަށް ބޭނުންވާނެ މުވައްޒަފުން އަޅުގަނޑުމެން އެބަޖެހޭ ޓެކްނިކަލް ބެކްގްރައުންޑެއް ހުރި ބަޔަކު، ތަމްރީނުކުރެވިގެން ނެރެން." ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން ކޮންމެ ބައިވެރިއަކުވެސް 6 މަސް ދުވަހުގެ މުއްދަތަކަށް ތަމްރީނުކުރެވިގެން ދާނެއެވެ. އެގޮތުން ވެލްޑިންގ ޓެކްނިކްސް، ކޭޝިއަރިންގ، އިންވެންޓަރީ މެނޭޖްމަންޓް، ހެވީ ވެހިކަލް އޮޕަރޭޝަންސް، މެރައިން މެކޭނިކް އަދި މެއިންޓަނެންސް މެކޭނިކް ފަދަ ދާއިރާތަކުން މީހުން ތަމްރީނުކުރެވިގެން ދާނެއެވެ. މީގެ އިތުރުން މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ފަރާތަކަށް 5،000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.