ޚަބަރު

މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައިވެސް ބައެއް ފަރާތްތަކަށް ބަސް ދަތުރު ހިލޭ


1 ޖެނުއަރީ 2022 އިން ފެށިގެން އަތޮޅުތެރޭގެ ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެމްޓީސީސީގެ ޢާންމު ދަތުރުފަތުރުގެ ނިޒާމުގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި ކުންފުނިން ފޯރުކޮށްދޭ ޢާންމު ފެރީ ޚިދުމަތުގައި މީގެ ކުރިންވެސް ސްކޫލް ކުދިންނަށާއި، އުމުރުން 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވެއެވެ.

ގްރޭޓާރ މާލެ ސަރަހައްދެކޭ އެއްގޮތަށް މިވަގުތު އަތޮޅުތެރޭގައި ބަހުގެ ޚިދުމަތް ދެމުން ގެންދަނީ އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫ އާއި ދެމެދު ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ދެވޭ ބަހުގެ ޚިދުމަތެއް ގޮތުގައެވެ. ނަމަވެސް އައްޑޫ، ފުވައްމުލަށް އަދި ލ.އަތޮޅުގެ ގަން، ފޮނަދޫ، އަދި އިސްދޫ، ކަލައިދޫގައި ބަހުގެ ޚިދުމަތް ފެށުމަށްޓަކައި އައު ބަސްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްޓީސީސީން ހާމަކުރެއެވެ. އަދި މިބަސްތައް ލިބުމާއެކު ފުވައްމުލަކާއި ލ.އަތޮޅުގެ ގަން، ފޮނަދޫ، އާއި އިސްދޫ، ކަލައިދޫ
ރަށްތަކުގައިވެސް ބަހުގެ ޚިދުމަތް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ޚާއްސަ އެހީއަށް
ބޭނުންވާ ފަރާތްތަކަށް ހިލޭ ލިބިގެންދާނެ ކަމަށް އެކުންފުނިންވަނީ ހާމަކޮށްފައެވެ.

ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، މަޤްޞަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުން ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.