ކުޅިވަރު

ޔޫރޮޕާ ލީގުގެ ޖާގައެއް ލިޕްޒިގުން ކަށަވަރުކޮށްފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭ ގައި އާރްބީ ލިޕްޒިގާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރިމެޗް ލިޕްޒިގުން ކާމިޔާބުކޮށް ޔޫރޮޕާ ލިގުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. ލިޕްޒިގްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ޖަހާފައިވަނީ ލިޕްޒިގްގެ ޑޮމިނިކް ސްޒޮބޮޒްލައިއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ޖަހައިދިނީ އަންޑްރޭ ސިލްވަރއެވެ. މިމެޗްގައި ސިޓީއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ޖަހައިދިނީ ރިޔާދު މަހްރެއިޒްއެވެ. މިމެޗްގައި ސިޓީއަށް ލަނޑު ޖަހާނެ ފުރުސަތު ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިމެޗްގެ 82 ވަނަ މިނެޓްގައި ކުރި ފައުލަކާއި ގުޅިގެން ސިޓީގެ ޑިފެންޑަރ ކައިލް ވޯކަރ އަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އެހެން ކަމުން ދެވަނަ ބުރުގެ ފުރަތަމަ މެޗްގައި އޭނާ އަކަށް ނުކުޅެވޭނެއެވެ.

މިކާމިޔާބީއާއެކު ލިޕްޒިގަށް ވަނީ ކުޅުނު 6 މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނަ ކަށަވަރު ވެފައެވެ. ސިޓީ ވަނީ މިމެޗަށް ނިކުންއިރުވެސް ހަމެޗުން ލިބިފައިވި 12 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.