ކުޅިވަރު

އިންޓަރ ބަލިކޮށް ގްރޫޕްގެ އެއްވަނަ މަގާމަށް ރެއާލް


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި ރެއާލް މެޑްރިޑާއި އިންޓަރ މިލާން ބައްދަލުކުރިމެޗް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ މަގާމް ރެއާލްއިން ހޯދައިފިއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ދެޓީމްގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓަރއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓްގައި ޖަހައި ރެއާލްއަށް ލިޑު ނަގައިދިނީ ޓޯނީ ކްރޫސްއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި ޖަހައިދިނީ މާކޯ އަސެންސިއޯއެވެ. މިމެޗްގައި އިންޓަރއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ރެއާލްއަށް ގްރޫޕް އެއްވަނަ ލިބުނީ ކުޅުނު 6 މެޗުން ލިބުނު 15 ޕޮއިންޓާއެކުއެވެ. އިންޓަރއަށް ލިބިފައިވަނީ 6 މެޗުން 10 ޕޮއިންޓެވެ. ނަމަވެސް މިމެޗް ކާމިޔާބު ކުރި ނަމަ ގްރޫޕްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އިންޓަރއަށް އޮތެވެ.