ކުޅިވަރު

ޓީމްގެ ހިތްވަރަކީ ސަޕޯޓަރުން - ކޯޗު


ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ދިވެހި ޓީމަށް ދަތުރުކުރެވުނީ ސަޕޯޓަރުން ދިން ތަރުހީބުގެ ސަބަބުން ކަމަށް ޤައުމީ ޓީމްގެ ކޯޗް ރިކީ ހާބަޓް ބުނެފިއެވެ. ގްރޫޕްގެ ފަހު މެޗްގައި އަފްޣަނިސްތާނާ ދެކޮޅަށް ނިކުތުމުގެ ކުރިން ބޭއްވި ފަރިތަކުރުން ތަކަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗް ހާބަޓް ބުނީ ދިވެހި ޓީމްގެ ހިތްވަރަކީ ދިވެހި ސަޕޯޓަރުންކަމަށެވެ. ޚާއްސަކޮށް ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗްގައި ނަތީޖާ ހަމަހަމަ ވެފައިވަނިކޮށް ކުޅުންތެރިންނަށް ހިތްވަރު ލިބިގެންދިޔައީ ސަޕޯޓަރުން ދިން ތަރުޙީބުންކަމަށެވެ. އެކަމަށްޓަކައި ދިވެހި އެންމެހާ ރައްޔިތުންނަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރާކަމަށް ކޯޗް ހާބަޓް ބުންޏެވެ." ރާއްޖޭގެ ޓީމްގެ އުއްމީދަކީ ރާއްޖޭގެ ސަޕޯޓަރުން. އިންޑިޔާގައި ތިބި ރައްޔިތުންނާއި ރާއްޖޭގައި ތިބި ރައްޔިތުން. ރާއްޖެ ޓީމް ނަތީޖާ އަނބުރާލަނީ އެ ސަޕޯޓަރުން ކުޅުންތެރިންނަށް ދޭ ހިތްވަރުން. މެދު ނުކެނޑި އެދޭ ތަރުޙީބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަބަދުވެސް އެގޮތުގައި ޓީމްގެ ފަހަތުގައި ތިބުން އެދެން. " ސަޕޯޓަރުންނަށް އިޝާރާތްކޮށް ކޯޗް ހާބަޓް ބުންޏެވެ.ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެ ކުޅޭ ކޮންމެ މެޗަކަށް ޓްރިވެންޑްރަމްގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުން ދަނޑަށް އައިސް ޓީމަށް ހިތްވަރު ދޭ މަންޒަރު ފެނެއެވެ. ޚާއްސަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓީމަށް ދޭ ތަރުޙީބު ކުޅުންތެރިންނާއި ކޯޗުންނާއި އޮފިޝަލުން ފާހަގަ ކުރަނީ ޝުކުރުވެރިކަމާއެކުއެވެ. ކޮންމެ ނަތީޖާއެއް ނިކުތްނަމަވެސް ޓީމާއެކު އަބަދުވެސް ތިބުމަށް ޤައުމީ ޓީމުން އެދެއެވެ.