ޚަބަރު

ކޯވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް 16،500އަށް ވުރެ ގިނަމީހުން ޖަހައިފި


ކޯވިޑުން ދިފާޢުވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމުގެ ތެރެއިން ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު 16،500އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒް 663 މީހަކު ޖަހާފައިވެއެވެ. އޭގެތެރޭގައި މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 276 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 387 މީހަކު ހިމެނެއެވެ. މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 16،513 އަށް އަރާފައެވެ.

މީގެއިތުރުން 122 މީހުން ވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މީގެތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ފުރިހަމަކުރި 88 މީހުންނާއި، އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 34 މީހަކު ހިމެނެއެވެ. އަލަށް ވެކްސިން ފުރިހަމަކުރި މީހުންނާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 364،814 އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ހޯމަ ދުވަހު 48 މީހަކު ވަނީ ޖަހާފައެވެ. މީގެތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ޖެހި 28 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 19 މީހަކު ހިމެނެއެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 395،956 އަށް އަރާފައެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. މީގެއިތުރުން އަތޮޅުތެރޭގެ 176 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.