މުނިފޫހިފިލުވުން

އޭޝިއާ އެވޯޑްސްގެ ޝަރަފުވެރި 2 އެވޯޑެއް ސުނީތާއަށް


ރުލާ އެވޯޑުން ދެމުން އަންނަ އޭޝިއާ އެވޯޑްސްގެ ޝަރަފުވެރި 2 އެވޯޑެއް ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔާ ސުނީތާ ޢަލީއަށް ލިބިއްޖެއެވެ.

ސުނީތާއަށް ލިބިފައިވަނީ "އޭޝިއާސް އައުޓްސްޓޭންޑިން ވުމަން އެޗީވަރ" އެވޯޑާއި، "އޭޝިއާސް އައުޓްސްޓޭންޑިންގ ބްރޭންޑް" އެވޯޑެވެ. އޭޝިއާ އެވޯޑަކީ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އޭޝިއާ ބައްރުން ފާހަގަކޮށްލެވޭ ތަފާތު ޝަޙްސިއްޔަތުތަކާއި ވިޔަފާރިތައް ފާހަގަކޮށް، ދެމުން އަންނަ އެވޯޑެކެވެ. މިއީ އޭޝިއާ ސަރަޙައްދުގައި ދެވޭ މިފަދަ އެންމެ ޝަރަފުވެރި އެއް އެވޯޑްވެސްމެއެވެ.

"އޭޝިއާސް އައުޓްސްޓޭންޑިން ވުމަން އެޗީވަރ 2020/2021" އެވޯޑް ސުނީތާއަށް ލިބިފައިވާއިރު، "އޭޝިއާސް އައުޓްސްޓޭންޑިންގ ބްރޭންޑް 2020/2021 އެވޯޑް ލިބިފައިވަނީ ސުނީތާގެ "ސުނީ ސްޕެޝަލް ޕްރޮޑަކްޝަން"އަށެވެ. މި ބްރޭންޑުގެ ދަށުން ސުނީތާ އަންނަނީ އޯގޭނިކް ކާށިތެލާއި، ކެއުމުގައި ބޭނުންކުރާ އެކި ކަހަލަ ދިވެހި އުފެއްދުންތައް އުފައްދަމުންނެވެ.

ސުނިތާއަށް މި ލިބުނު ކާމިޔާބީ އޭނާ ސިފަކޮށްފައިވަނީ މިއީ މި މަސައްކަތުގައި އިތުރަށް ކުރިއަށްދާން ލިބުނު އައު ހިތްވަރެއްގެގޮތުގައެވެ. އަދި އޭނާގެ އުފެއްދުންތައް އާއްމުން ބަލައިގަނެ، ދެމުންދާ ލޯތްބާއި ހިތްވަރަށް، އޭޝިއާ އެވޯޑުން އާއްމުކުރި ވީޑިއޯއެއްގައި ސުނީތާ ވަނީ ޝުކުރު އަދާކޮށްފައެވެ.

"މި ރިކޮގްނިޝަންގެ ސަބަބުން އަޅުގަނޑުގެ ބްރޭންޑް ކުރިއަށް ގެންދިޔުމަށް އަދި ކުރިއަށް އޮތްތަނުގައި އިތުރު ކާމިޔާބު ހޯދުމަށް އިތުރަށް މަސައްކަތް ކުރުމަށް އަޅުގަނޑަށް ވަރުގަދަ މޯޓިވޭޝަނެއް ލިބިގެންދާނެ. އެކަމަށްޓަކައި ރުލާ އެވޯޑްސްއާއި، ވާރލްޑް ރިސަރޗް ކޮންގްރެސްއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ހަމައެހެންމެ، އަޅުގަނޑުގެ ޙަޔާތުގެ ކޮންމެ މަރުޙަލާއެއްގައިވެސް، އަޅުގަނޑަށް އިތުބާރުކޮށް، ހިތްވަރުދެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން" ސުނީތާ ބުނެފައިވެއެވެ.

އަމިއްލަ ވިޔަފާރިއެއް ފަށާ އަމިއްލައަށް ދިރިއުޅުން ބިނާކުރުމަކީ ސުނީތާ ވަރަށް ކުރިއްސުރެއް ދެކެމުންދިޔަ ހުވަފެނެކެވެ. އަދި މިކަން ހަޤީޤަތަކަށް ހެދުމަށް އޭނާ ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އަމިއްލަ ޕްރޮޑަކްޝަނެއް އުފައްދާ، ވީޑިއޯ ލަވަ އަލްބަމްތަކެއް ސުނީތާ މީގެކުރިން ވަނީ ރިލީޒްކޮށްފައެވެ. އަދި ފިލްމްތަކަށް ކޮރިއޯގްރާފްކޮށްދިނުމާއި، މިއުޒިކް ޝޯވތަކުގައި އޭނާ އަންނަނީ ޕަރފޯމްކުރަމުންނެވެ. ޢީދުތަކާއި ދިމާކޮށް އެންމެ ޑިމާންޑު ބޮޑުވާ އެއް ފަންނާނަކީވެސް ސުނީތާއެވެ.

ނެށުމުގެ ތެރެއިން ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓް ހޯދާފައިވާ ސުނީތާ މިހާރު އާއްމުންގެ ތެރޭގައި މަޤުބޫލުވެފައިވަނީ އޭނާގެ އަމިއްލަ ބްރޭންޑެއްކަމަށްވާ "ސުނީ ސްޕެޝަލް"ގެ ސަބަބުންނެވެ. ދިވެހި ކާނާގެ އުފެއްދުންތައް ބާޒާރަށް ނެރުމުގެ ޝަޢުގު އުފެދުނީ އޭނާގެ މަންމަގެ ސަބަބުންކަމަށް ސުނީތާ ބުނެއެވެ. ކާށި ތެލުން ފެށުނު ބްރޭންޑުގެ އުފެއްދުންތައް އިތުރަށް ފުޅާކުރުމަށް ލިބުނު ހިތްވަރަކަށްވީވެސް އޭނާގެ މަންމަކަމަށް ސުނީތާ ބުނެއެވެ.

2018 ވަނަ އަހަރު ފެށުނު މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ސުނީތާގެ އުފެއްދުންތަކަށް އާއްމުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ވަނީ ލިބިގެންގޮސްފައެވެ. "ސުނީ ސްޕެޝަލް" ބްރޭންޑުގެ ދަށުން މިއަދު ސުނީތާ އަންނަނީ ތަފާތު އުފެއްދުންތައް އުފައްދާ، މާކެޓަށް ނެރެ ވިއްކަމުންނެވެ. އޭގެ ތެރޭގައި ލޮނުމިރުސް، ކުޅިމަސް، ތެލުލިފަތް، ކުޅިރޮށި، މަސްމިރުސް، ރުކުރާ، މުރުމުރު، ދިވެހި ހަވާދު، އަލުވި ސަމްބޯލް ހިމެނެއެވެ. މިއީ ހުސް ދިވެހިވަންތައް ރަހަތަކަށް އިސްކަންދީގެން އުފައްދާ އުފެއްދުންތަކެއްކަމަށް ސުނީތާ ބުނެއެވެ.

މި ބްރޭންޑުގެ ދަށުން ސުނީތާ އެންމެފަހުން މާކެޓަށް ނެރެފައިވަނީ ތެލުލި ރިހާކުރާއި، ބްރެކްފާސްޓް ޕެކެވެ.