ޚަބަރު

އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅުގެ މަސައްކަތް ނިންމައި ސުޕްރީމް ކޯޓާ ޙަވާލު ކުރަނީ


އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ހަމަޖައްސަވާފައިވާ ރަސްމީ ގެކޮޅުގެ މަސައްކަތް ނިންމައި ސުޕްރީމް ކޯޓާ ޙަވާލު ކުރަން ތައްޔާރުވެފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެދެބޭފުޅުންނަށް ވަގުތީގޮތުން ރަސްމީ ގެކޮޅު ހަމަޖައްސާފައިވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އަދި އެ ގެކޮޅުތަކުގައި ހުރި މަރާމާތުތައް ކުރުމުގެ މަސައްކަތް މިހާރުވަނީ ނިންމާފައެވެ. ވަގުތީ ގެކޮޅުތަކުގެ ގޮތުގައި ރައީސް ނަޝީދަށް މުރައިދޫގެ ހަމަޖައްސާފައިވާއިރު، އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަން ހަމަޖައްސާފައިވަނީ ރެހެންދި ފްލެޓްގެ އެޕާޓްމަންޓްތަކެކެވެ.

އުއްތަމަ ފަނޑިޔާރަށް ޚާއްސަކުރާ ގެކޮޅުގެ މަސައްކަތް ނިންމައި ފަހުގެ އިންސްޕެކްޝަންގެ މަރުހަލާގައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވިއެވެ. ޕްލޭނިންގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، އުއްތަމަ ފަނޑިޔާރަށް ހަމަޖައްސަވާފައިވާ ރެހެންދި ފްލެޓްގެ އެޕާޓްމަންޓްގެ ފައިނަލް އިންސްޕެކްޝަންގެ މަސައްކަތް ދެދުވަހެއްގެ ތެރޭ ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެއަށްފަހު އެގެކޮޅު ސުޕްރީމް ކޯޓާ ހަވާލުކުރެވޭނެކަމަށް އަކްރަމު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ވަގުތީގޮތުން ހަމަޖެއްސެވި މުރައިދޫގޭގެ މަރާމާތުގެ މަސައްކަތް ނިމި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ މުރައިދޫ ގޭގައެވެ.

ދައުލަތުގެ ދެބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގެ މަތިން މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނާއެކު މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސަވާ ގެއަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި އެގެއަށް ހިނގާނެ ޚަރަދު ހަމަޖައްސާނީ ދައުލަތުގެ ފަރާތުންނެވެ. އަދި މިއާއެކު އެދެބޭފުޅުން ދިރިއުޅުއްވަން ހަމަޖައްސަވާ ތަންތަން ހުންނާނީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން މިދެ ގެކޮޅުގެވެސް ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅޭ ރަސްމީ ގެކޮޅަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. އަދި އުއްތަމަ ފަނޑިޔާރުގެ ދިރިއުޅޭ ރަސްމީ ގެއަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ސްޕްރީމް ކޯޓުންނެވެ.

ދަޢުލަތުގެ ދެބާރުގެ ވެރިންނަށް ރަސްމީ ގެކޮޅުތައް ހަމަޖައްސާފައިމިވަނީ މިދިޔަ މެއި މަހުގެ 6 ވަނައިދުވަހުގެ ރޭ ރައީސް ނަޝީދު ދިރިއުޅުއްވަމުން ގެންދެވި ގެކޮޅު، ކެނެރީގެ ހުންނަ ގޯޅީގައި އެއްޗެއްގޮއްވާލައި އެމަނިކުފާނަށް ހަމަލާދިނުމާއި ގުޅިގެން ދަޢުލަތުގެ ތިން ބާރުގެ ވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ފުރިހަމަކުރުމުގެ ގޮތުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެދެބޭފުޅުންނަށް ރަސްމީ ގެކޮޅާއެކު ޚަރަދުތައް ބެލެހެއްޓުމަށް އަންނަ އަހަރުގެ ބަޖެޓުގައި 12 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.