ޚަބަރު

އޭވިއޭޝަން ދާއިރާއާއި އިޤުތިޞާދަށް ދިރުން ލިބުނީ ރައީސްގެ ސިޔާސަތުތަކުގެ ސަބަބުން: ނަހުލާ


ރާއްޖޭގައި ކޯވިޑް ބަލިމަޑުކަން ކޮންޓްރޯލު ކުރުމާއެކު އޭވިއޭޝަން ދާއިރާއަށް ކުރިއެރުން ލިބި، އިޤުތިޞާދީ މައިނާރަށް ދިރުން ލިބިގެން މިދަނީ ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތްތެރިކަމާއި ރޭވުންތެރިކަމުގެ ސަބަބުންކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަޙުލާ ވިދާޅުވެއްޖެއެވެ.

ނަހުލާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.

މިނިސްޓަރުގެ ޚިތާބުގައި ވަނީ މި އަހަރު ފެށިގެން ދިޔައީ ކޯވިޑް ބަލިމަޑުކަމުގެ އަސަރުތަކުން އަރައިގަނެ މަދަނީ ވައިގެ ދަތުރު ފަތުރުގެ ހަރަކާތްތަކުގެ ދުވެލި ހަލުވި ކުރުމުގެ ޙަރަކާތްތަކާއެކުގައިކަމަށެވެ. އެގޮތުން، ސިއްޙީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއެކު އުދުހުމުގެ ހަރަކާތްތައް އައު އާންމު ހާލަތުގައި ކުރިއަށް ގެންދެވުނުކަމަށާއި، މައިގަނޑު އަމާޒަކަށްވީ ވައިގެ މަގުން އުދުހުމުގެ ހުރިހާ ޙަރަކާތްތަކަށް ދިރުން ގެނުވައި 2019 ވަނަ އަހަރުގެ ޙާލަތާ އެއް ހަމަކޮށް އިތުރު ކުރިއެރުން ހޯދުމަށްކަމަށް ސިވިލްއޭވިއޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ މަދަނީ ވައިގެ ދަތުރު ފަތުރުގެ ޙަރަކާތްތައް މިނިސްޓްރީން ކުރިއަށް ގެންދާނީ "ފެސިލިޓޭޝަން" ދާއިރާއިންނާއި "ސޭފްޓީ" ދާއިރާއިން ބަހުޘްކޮށް މަޝްވަރާކުރެވި އެކުލަވާލެވުނު "މިނިސްޓީރިއަލް ޑެކްލަރޭޝަން" އާއި އެއްގޮތްވާ ގޮތުގެ މަތީންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ، މިއަހަރުގެ މައިގަނޑު އަމާޒަކަށްވީ ކޯވިޑް-19ގެ ކުރީގެ ޙާލަތަށް ރުޖޫޢަވެ، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކޮށް އިތުރަށް ތަރައްޤީ ކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގެ އެއާލައިންތަކުގެ ޙަރަކާތްތައް އިތުރު ކުރުމާއި އެއާޕޯޓްތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުން ހިމެނޭ. އެގޮތުން އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ މިހާރުވާނީ ރާއްޖޭގެ 3 އެއާލައިނަކަށް ދެވިފައި. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުވެސް ކުރިއަށް ގެންދިޔަ. އެގޮތުން، އޭޕްރަންއަށް މުޅީންއަލަށް ބައިތަކެއް އިތުރުކޮށް ބޭނުންކުރަން ފެށުމުގެ އިތުރުން، ކުރިން ބޭނުން ކުރަމުން އައި އޭޕްރަން އަޕްގްރޭޑް ކުރެވި މިހާރުވަނީ ބޭނުން ކުރަންފަށާފައި" މިނިސްޓަރ ނަޙުލާ ވިދާޅުވިއެވެ.

މީގެއިތުރުން އައިކާއޯ ފްރޭމްވްކޯކުގެ ތެރޭގައި ހިމެނޭ "ކޮސްކެޕް-ސައުތް އޭޝިއާ"ގެ ދަށުން ކޮސްކެޕްގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް އޮފީސް ޤާއިމުކުރަނީ މެމްބަރު ގައުމުތަކުގެ މެދުގައި ދައުރުވާ އުޞޫލުން ކަމަށްވުމުން, މެމްބަރު ޤައުމުތަކުން ކަޑައަޅާފައިވާ ގޮތުގެ މަތީން 2021 ވަނަ އަހަރު ރާއްޖޭގައި ކޮސްކެޕްގެ އޮފީސް ޤާއިމު ކުރެވިފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

"ކޯވިޑް ބަލިމަޑުކަން ރާއްޖޭގައި ކޮންޓްރޯލު ކުރުމާއެކު އޭވިއޭޝަން ދާއިރާއަށް ކުރިއެރުން ލިބި ދިވެހި އިޤުތިޞާދީ މައި ނާރަށް ދިރުން ލިބިގެން މިދަނީ ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތްތެރިކަމާއި ރޭވުންތެރިކަމާއެކު ސަރުކާރުން ކުރިއަށް ނެރޭ ސިޔާސަތުތަކުގެ ސަބަބުން ކަމާމެދު އެއްވެސް ޝައްކެއް ނެތް. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކުރައްވާ މިންނެތް މަސައްކަތްޕުޅު ފާހަގަކޮށް އަޅުގަނޑުގެ އަމިއްލަ ނަމުގައާއި އޮތޯރިޓީ އަދި އޭވިއޭޝަން ސިނާޢަތުގެ އެންމެހާ ބައިވެރިންގެ ނަމުގައި ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން" މިނިސްޓަރ ނަޙުލާ ވިދާޅުވިއެވެ.

މަދަނީ ވައިގެ ދަތުރުފަރުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށް ބައިނަލްއަޤުވާމީ އިދާރާތަކާއި ރާއްޖެ ބައިވެރިވާ ސަރަޙައްދީ ޙަރަކާތްތަކުން ފޯރުކޮށްދެމުން ގެންދާ އެހީތެރިކަން ފާހަގަކުރައްވައި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތްތެރިކަން އެކަށީގެންވާ މިންގަނޑެއްގައި ބެލެހެއްޓުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކުރަމުން ގެންދާ މަސައްކަތްތަކަށް މިނިސްޓަރ ނަހުލާވަނީ ޝުކުރުދަންނަވާފައެވެ.