ރިޕޯޓް

ދަނޑުވެރިކަމުން ޒުވާން ދަނޑުވެރިންނަށް ރަނގަޅު ކުރިމަގެއް


ދަނޑުވެރިކަމުގެ ސިނާޢަތަކީ ފެށުނީއްސުރެވެސް ރާއްޖޭގައި ކުރިއަށްދާ ސިނާޢަތެކެވެ.ދަނޑުވެރިކަން ކުރިއެރުވުމަށް ރާއްޖޭގައި ފަހުގެ ތާރީޚުގައި ކުރެވިފައިވާ ޢިލްމީ އަދި ޢަމަލީ މަސައްކަތްތަކުގެ ސަބަބުން، މީހުން ދަނޑުވެރިކަމަށް ޝައުޤުވެރިވާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި މިކަން ވިޔަފާރި އުޞޫލުން ކުރަމުންގެންދެއެވެ.  މި މަސައްކަތްތަކުގެ ތެރެއިން ކުރިއަރާފައިވާ ފަންނުވެރިވެރި އަދި މުރާލި ދަނޑުވެރިން މިހާރު ރާއްޖޭގައި އެބަތިއްބެވެ. ރާއްޖެއިން ބޭރުން ގެންނަ ކާބޯތަކެއްޗަށް ބަރޯސާ ނުވެ، އަމިއްލަ ބިމުގައި، އަމިއްލަ ދަނޑުގައި ދަނޑުވެރިކަން ކޮށް، މި ދިވެހިފަސްގަނޑުން ގޮވާން ފަދަ އަމިއްލަ އުފެއްދުންތައް ނެރެ، ދަނޑުވެރިކަމުގެ ނަފާ ހޯދާ  ޤާބިލް ހުނަރުވެރި ދިވެހިން، ރާއްޖޭގައި  އެބަތިއްބެވެ. މިކަމުން ދައްކައިދެނީ ނުވަތަ މިފަދަ ދަނޑުވެރިންގެ ބުރަ މަސައްކަތް ފާހަގަވެގެން ދަނީ ދަނޑުވެރިންގެ އަގުވަޒަން ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިންނެވެ. ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ދަނޑުވެރިކަމުގެ މަސައްކަތަށް ބަލާއިރު މި ދާއިރާއަށް އައިސްފައިވާ ތަރައްޤީއަކީ ދިވެހިން ފަޚުރުވެރިވުން ޙައްޤު ކުރިއެރުންތަކެކެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަލާއިރުވެސް ދަނޑުވެރިކަމުން ނަފާ ހޯދާފައިވާ އަދި ނަފާ ހޯދަމުންދާ ފަރާތްތައް ގިނަކަން ފާހަގަކޮށްލެވެއެވެ. 1955 ވަނަ އަހަރުން ފެށިގެން ދަނޑުވެރިކަމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުންދާ، އަޙުމަދު ދީދީއަކީ މިގޮތުން ފާހަގަ ވެގެންދިޔަ ދަނޑުވެރިއެކެވެ.  ގުދުރަތީ ގޮތުން ތަފާތު ބިމެއް ލިބިފައިވާ އަދި ދަނޑުވެރިކަމުގެ ގިނަ އުފެއްދުންތަކެއް އުފައްދަމުން އަންނަ ޏ. ފުވައްމުލަކަށް އުފަން 80 އަހަރުގެ މި ދަނޑުވެރިޔާ މިއަހަރު ވަނީ، އެންމެ ޚިދުމަތްތެރި ދަނޑުވެރިޔާގެ އިނާމު ޙާޟިލްކޮށްފައެވެ.ދަނޑުވެރިކަން ކުރުމުގެ ކުރިން ދިވެހި ފަސްގަނޑުން ނެތެމުން ފޮހެވެމުންދާ ރައިވެރިކަމުގެ މަސައްކަތް ހަތަރު އަހަރުވަންދެން ކުރުމަށްފަހު، ރައިވެރިކަމަށް މިދަނޑުވެރިޔާ އަލްވަދާއު ކިޔާފައިވަނީ، ދަނޑުވެރިކަމުން ލިބޭނެ މަންފާއެއްގެ ފެހިސިގްނަލާއެކުއެވެ. މިއުއްމީދު އޭނާއަށް ޙާސިލްވެގެން ދިޔައީ ހައިރާންވާފަދަ މިންވަރަކަށް ކަމަށް އޭނާ ބުންޏެވެ. ދަނޑުވެރިކަމުގެ މަސައްކަތް ފެށުމާއެކު އާމްދަނީ ހޯދުމަށް އިތުރު މަސައްކަތެއް ނުކުރާމަށް އަޙްމަދު ދީދީ ބުންނެވެ. އަޙުމަދު ދީދީ ވަނީ ހަމައެކަނި ދަނޑުވެރިކަންކޮށްގެން ލިބުނު ޢާމްދަނީ ތިން ފަހަރު ޙައްޖަށްވެސް ގޮސްފައެވެ.   ދަނޑުވެރިކަމުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ މި ދަނޑުވެރިޔާ ދަނީ މި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި މިއީ ޒުވާނުން ނުކުންނަން ވަރަށް ރަނގަޅު ދާއިރާއެއްކަން އޭނާ ފާހަގަކުރެއެވެ.