ޚަބަރު

އުތުރާއި މެދުތެރޭގެ އަތޮޅުތަކުގައި މޫސުމަށް ސަމާލުވުމަށް އެދިއްޖެ


މިހަފްތާތެރޭގައި މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިޖެހޭ މިންވަރު އާދައިގެ ވަރަށްވުރެ ބާރުވެ، އެސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުކަން ދެއްވުމަށް މުސޫމާއިބެހޭ ޤައުމީ އިދާރާއިން އެދިވަޑައިގަންނަވައިފިއެވެ.މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި އިރު-އިތުރާއި އިރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އެ ސަރަޙައްދުގެ ކަނޑުތައްވެސް އާންމު ގޮތެއްގައި ގަދަވާނެ ކަމަށް މޫސޫމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.އެ އިދާރާއިން ވިދާޅުވީ، ހުޅަނގު މޫސުމުން އިރުވައި މޫސުމަށް ބަދަލުވެގެންދާއިރު މިގޮތަށް ވައިގަދަވުމަކީ ބައެއް އެހެން އަހަރުތަކުގައިވެސް ދިމާވެފައިވާކަމެއް ކަމަށެވެ. އެހެންކަމުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ދަތުރަށް ފެއްޓެވުމުގެ ކުރިން މޫސުމާއިބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައި މޫސުމަށް ސަމާލުވުމަށް އެ ފަރާތުން އެދިވަޑައިގަންނަވައެވެ.