ޚަބަރު

ކްލަބް ޖަމްއިއްޔާތަކުގެ ޤައުމީ ފޯރަމް ޖެނުއަރީމަހު ބާއްވަނީ


އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކްލަބް ޖަމްއިއްޔާތަކުގެ ޤައުމީ ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު މި މަހުގެ އެއްތިރީހާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ޕަބްލިކް ސަރވިސް މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ޖަމްއިއްޔާތަކުގެ ރަޖިސްޓްރާ ސްޓޭޓް މިނިސްޓަރ ފޮރ ހޯމް އެފެއާރޒް ޔޫސުފް ޢަބްދުލް ޣަފޫރު ވިދާޅުވީ، ޖަމްއިއްޔާތަކަށް އަމާޒުކުރައްވައިގެން ޤައުމީ ފޯރަމެއް ބާއްވަން ނިންމެވީ، ކްލަބް ޖަމްއިއްޔާތަކުގެ ތަރައްޤީއަށްޓަކައި ސަރުކާރާއި ގުޅިގެން ކުރެވޭނެ ކަންތައްތައް ފާހަގަކޮށް ޖަމްއިއްޔާތަކުގެ ދައުރު ފުޅާކުރުމުގައި އެ ފަރާތްތަކުން އަމިއްލަ ގޮތުން ކުރެވޭނެ ކަންތައްތައް ފާހަގަކުރުމުގެ މަޤްޞަދުގައިކަމަށެވެ. އަދި ފޯރަމްގައި ބައިވެރިވުމަށް މިހާރުވެސް އަށްޑިހައަށް ވުރެ ގިނަ ފަރާތަކުން އެދިފައިވާކަމަށް ޔޫސުފް ޢަބްދުލް ޣަފޫރު  ވިދާޅުވިއެވެ.މި ފޯރަމަށް ސަރުކާރުގެ ފަރާތުން ދެ ކަރުދަހާއެއް ހުށަހަޅާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކްލަބް ޖަމްއިއްޔާތަކުގެ ޤައުމީ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ ތޭވީހާއި ސައުވީސްވަނަ ދުވަހު ދަރުބާރުގޭގައެވެ.ޖަމްއިއްޔާތަކުގެ ދަފްތަރުގައި ދެ ހާހަށްވުރެ ގިނަ ޖަމްއިއްޔާ ރަޖިސްޓްރީކޮށްފައިވެއެވެ.