ވިޔަފާރި

މައްސަލަ ހައްލުވެއްޖެ، ދިމާވެދާނެ މައްސަލައަކަށް ނިޒާމު މޮނިޓަރ ކުރާނަން: ބީއެމްއެލް


ބީއެމްއެލްގެ ބޭންކިން ޚިދުމަތަށް ދިމާވި މައްސަލަ މިހާރު އެއްކޮށް ހައްލުވެފައިވާ ކަމަށާއި، އަދި ކުރިއަތް އޮތް ތަނުގައި މިގޮތަށް ޚިދުމަތަށް ބުރުނާރާ ގޮތަށް އިންތިޒާމު ކުރާނެ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ޤައުމީ ބޭންކު، ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ސީއީއޯ ޓިމޮތީ ސޯޔާ ވިދާޅުވީ، މިމަހުގެ 20 ވަނަ ދުވަހު އެ ބޭންކުގެ ކޯ ބޭންކިން ނިޒާމުގެ އަޕްގްރޭޑް މަސައްކަތެއް ދުރާލާ ރޭވިގެން ކުރެވުނު ކަމަށެވެ. އަދި އަޕްގްރޭޑް މަސައްކަތުގައި މައްސަލައެއް ދިމާނުވެ ނިންމާލެވުނުއިރު، މިއީ ދުނިޔޭގެ ހުރިހާ ބޭންކެއްގައިވެސް ޤަވާއިދުން ކުރާ ފަދަ އަޕްގްރޭޑް މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެކުންފުނީގެ ސީއީއޯ ވިދާޅުވި ގޮތުގައި އަޕްގްރޭޑު ކުރެވުނު ފަހުން ފެންނަން ފެށި މައްސަލަތަކަކީ ދިމާވެދާނެ ކަމަށް ލަފާ ކުރެވިފައި ނެތް މައްސަލަތަކެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ މައްސަލަތައް ހައްލު ކުރެވި މުޅި ނިޒާމު ހަމައަކަށް އެޅިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

" އަޅުގަނޑުމެންނަށް އެއްވެސް ގޮތަކަށް މިކަން މިގޮތަށް ދިމާވެދާނެ ކަމަށް ލަފާ ކުރެވިފައެއް ނެތް. ޚާއްސަކޮށް ނޮވެމްބަރު 28 އަދި 29 ވަނަ ދުވަހު ގިނަ ވަގުތައް ސިސްޓަމް ޑައުންވެފައިވުން. އަޅުގަނޑުމެން ޓީމުތައް ދިޔައީ އަޕްގްރޭޑުގެ ކުރީންވެސް އަދި ފަހުންވެސް ބަލަމުން، އަދި ދިމާވެދާނެ އަދި ދިމާވި މައްސަލަތައް ދެނެގަންނަމުން. މިކަން ރަނގަޅު ކުރުމަށް އަޅުގަނޑުމެން ބޭނުންވި ވަރަށް ވުރެ ގިނަ ވަގުތު ނެގި. އެހެން ނަމަވެސް މިހާރު ނިޒާމު ހަމައަކަށް އެޅުވިފައިވާއިރު، އަޅުގަނޑުމެންގެ ޓީމުތަކުން ނިޒާމު މޮނީޓަރ ކުރަމުންދާނެ. " ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

ސީއީއޯ ޓިމް ވިދާޅުވި ގޮތުގައި ބޭންކިންގް ޚިދުމަތަށް ދިމާވި މައްސަލައާއި ގުޅިގެން ބައެއް ފަރާތްތަކުގެ ފައިސާގެ މުޢާމަލާތްތަކަށް ވެސް އަސަރު ކޮށްފައިވާ ކަން އެނގިފައިވާ ކަމަށެވެ. އެގޮތަށް ދިމާވި ފަރާތްތަކުން، މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ނުވަތަ މެސެޖަކުން ނަމަވެސް މައްސަލަ ހުށަހަޅާ ކުރިއަށް ގެންދިއުމަށް ސިއީއޯ ވަނީ އެދިވަޑައިގެންފައެވެ.

ބީއެމްއެލްއިން ފާހަގަ ކުރި ގޮތުގައި ކުރިއަށްވެސް ކަނޑައެޅިފައިވާ މެއިންޓަނަންސް މަސައްކަތްތައް ކުރިއަށްދާނެއެވެ. ނަމަވެސް މިހާރަށް ވުރެ ބޮޑަށް ކަސްޓަމަރުންނަށް އެމައުލޫމާތު ދިނުމުގެ ގޮތުން ބޭންކުގެ ވެބްސައިޓުންވެސް މެއިންޓަނަންސް މަސައްކަތް ކުރިއަށްދާ ގަޑީގައި ބުރުއަރާނެ ޚިދުމަތް އެނގޭނެ ހެން ޝާއިއު ކުރެވޭނެ ކަމަށެވެ. އަދި މިފަދަ މައްސަލައެއް ކުރިއަށް އޮތް ތަނުގައި ދިމާނުވާނެހެން ކަންކަން އިންތިޒާމު ކުރައްވާނެ ކަމުގެ ޔަޤީން ކަން ސީއީއޯ ވަނީ ދެއްވާފައެވެ.