ޚަބަރު

ރަސްފަރި ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް 10 މިލިއަން ޑޮލަރު ދައްކައިފި


ކ.ރަސްފަރި ފަރަށް އެރި ޕެންމާ އެމްވީގެ އާގު ބޯޓު މައްސަލައިގައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 154.2 މިލިޔަން ރުފިޔާ ޖޫރިމަނާ ފައިސާ ބޯޓު ނިސްބަތްވާ ކުންފުނިން ސަރުކާރަށް ދައްކައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ "އެމް.ވީ ނަވިއޯސް އަމަރިލިސް" ނަމަކަށް ކިޔާ ކާގޯ ބޯޓު ކ.ރަސްފަރި ފަރަށް އެރުމާއި ގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ކޮށްފައިވާ ޖޫރިމަނާ ދެއްކުމުގެ މައްސަލަަ ބޯޓުގެ ވެރިފަރާތުން އެންމަވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާއަށް އިސްތިއުނާފް ކުރުމާ ގުޅިގެން މިނިސްޓަރ އެ މައްސަލަ ބައްލަވައި އީޕީއޭގެ ނިންމުން ބަދަލުކުރަން އަންގަންޖެހޭ ތަނެއް ނެތްކަމަށް އެންގުމާ ގުޅިގެން ބޯޓުގެ ވެރިފަރާތުން އެ ފައިސާ ދިވެހި ސަރުކާރަށް ދައްކާފައިވާކަމަށެވެ.

މިގޮތުން ބޯޓުގެ ވެރިފަރާތާއެކު އެންވަޔަރަމަންޓް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީން ކުރި މަޝްވަރާތަކަށްފަހު ޖޫރިމަނާ ފައިސާއާއި ރަސްފަރިފަރަށް ގެއްލުން ލިބުނު ސަރަޙައްދު ކުރިން އޮތްގޮތަށް އިޢާދަކުރުމަށް ކުރަންޖެހޭ މަސައްކަތައް ބޭނުންވާ ފައިސާ ހިމެނޭގޮތަށް ޖުމުލަ 10 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 154.2 މިލިޔަން ރުފިޔާ މޯލްޑިވްސް މަނިޓރަީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ.

މިއީ ތިމާވެށީގެ ޤާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ހޯދި ފަހަރުކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ތިމާވެއްޓަށް ލިބުނު ގެއްލުމެއް ރަނގަޅު ކުރުމުގެ މަސައްކަތަށް ޚަރުދަނާކުރުމަށް ޝަރުތުކޮށް މިފަދަ ގެއްލުންތައް ދިރާސާކޮށް ބެލުމުގެ ޤާބިލުކަން އީޕީއޭގައި އިތުރުކުރުމުގެ ގޮތުން މި ދާއިރާއިން ފަންނީ އެހީތެރިަކަން ފޯރުކޮށްދިނުމަށްވެސް ބޯޓުގެ ވެރިފަރާތުން އެއްބަސްވެފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރާއި ބޯޓުގެ ވެރިފަރާތާއެކު އެއްބަސްވި ގޮތަށް ފައިސާ ދައްކާފައިވާތީ އެ ބޯޓު ރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދަ ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. ބޯޓު އެރި ފަރަކީ 1995އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދުވެސްމެއެވެ.

އޮގަސްޓް މަހުގެ 19ވަނަ ދުވަހު 13:00ގައި ފަރަށް އަރާފައިވާ ބޯޓު، ރަސްމީކޮށް ސަރުކާރުގެ މުއައްސަސާތަކަށް ބޯޓުގެ ވެރިފަރާތުން ރިޕޯޓުކޮށްފައި ވަނީ އެ ދުވަހުގެ ރޭ 21:00 ގައެވެ. ބޯޓުގެ ވެރި ފަރާތުގެ ކުރިން، ރަސްފަރި ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން ވަނީ އީޕީއޭއަށް މި މައްސަލަ ރިޕޯޓުކޮށްފައެވެ.