ޚަބަރު

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއެއް އުފައްދަަނީ


ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގެ ދަށުން، ރާއްޖޭގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއެއް ޤާއިމްކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން ވިދާޅުވީ، އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މީޑިޔާތަކަށް އަމާޒުކުރައްވައިގެން ބޭއްވެވި ބައްދަލުވުން ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ގެޒެޓުކުރައްވާފައިވާ މިޤާނޫނުގެ ދަށުން ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއެއް ޤާއިމްކުރައްވާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލެއް އުފެއްދެވުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ޒިންމާގެ ގޮތުގައި ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ތައްޔާރުވެތިބުމާއި، ކާރިސާތަކަށް އިޖާބަދިނުމާއި ކާރިސާތަކުން އިޔާދަވުމާބެހޭ ނިންމުންތައް ނިންމައި ޤައުމީ ސިޔާސަތުތައް ކަނޑައަޅަންޖެހެއެވެ.ޑިފެންސް މިނިސްޓަރ ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވާ ތަފާތު ކާރިސާތަކުން މީހުންނާއި މުދާ ސަލާމަތްކޮށް ޙިމާޔަތްކުރުމަށް ސަރުކާރުން ހަރުދަނާ އުޞޫލުތަކެއް އެކަށަހަޅުއްވަމުން ގެންދަވާ ކަމަށާއި އޭގެ ސަބަބުން ޤާނޫނީ އިމުގެ ތެރެއިން އެބާވާތުގެ ކަންތައްތައް ޙައްލުކުރެއްވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި އަލިފާނުގެ ޙާދިސާތައް ވަރަށް ބޮޑަށް އިތުރުވަމުންދާތީ، ރާއްޖޭގައި ފަޔަރ ކޯޑްސްގެ ޤަވާޢިދެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.