ކުޅިވަރު

ނަބާ އާއި ނަބީގެ ޕެއަރ ލޯ މެޑަލް ހޯދައިފި


މިހާރު ބަންގްލަދޭޝްގައި ކުރިއަށްދާ ބަންގްލަދޭޝް އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ދެބެންކަމަށްވާ އާމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ލޯ މެޑަލް ހޯދައިފިއެވެ. މިއީ ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން، ބީޑަބްލިއުއެފުން ގަބޫލްކުރާ ޗެލެންޖް ލެވަލްގެ މުބާރާތަކުން ލިބުނު ފުރަތަމަ މެޑަލްއެވެ.

ސެމީ ފައިނަލުގައި ނަބާ އާއި ނަބީގެ ޕެއާ ބައްދަލުކުރީ އިންޑިއާގެ މެހްރީން ރިޒާ އާއި އަރާތީ ސާރާ ސުނިލްގެ ޕެއާއާއެވެ. މިމެޗް މެހްރީން އާއި އަރާތީގެ ޕެއާ އިން ގެންދިޔައީ 21-14 އަދި 21-02ކުންނެވެ. ނަބާ އާއި ނަބީގެ ޕެއާ މި މުބާރާތަށް ފަހު ދެން ވާދަކުރާނީ މި މަހު 12ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައެވެ. މިއީ ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންތަކެއް ދުނިޔޭގެ މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ނަބާ އާއި ނަބީގެ ޕެއާ އަކީ އަންހެން ޑަބަލްސްގައި ދުނިޔޭގެ 117 ވަނައެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ނަބާ އާއި ނަބީ އަށް އަންހެން ޑަބަލްސް ބައިން ލިބުނު 10 ވަނަ މެޑަލްއެވެ.

މިމުބާރާތުގައި ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ ވަނީ މިކްސް ޑަބަލްސް ކުއާޓާ ފައިނަލުގައި ވާދަކޮށްފައެވެ. ނަބާ އާއި ޒަޔާންގެ ޕެއަރ ބަލިވީ އިންޑިއާގެ ނަޒީރު ހާން އާއި ނިލާ ވަލުވަންގެ ޕެއާރއާއި ވާދަކޮށްގެންނެވެ. މިމެޗް އިންޑިޔާގެ ޕެއަރ ގެންދިޔައީ 23-21 އަދި 21-10ކުންނެވެ.