ޚަބަރު

ރިވެލި އެވޯޑު 5 ފަރާތަކަށް، ރިވެލި ތަރިވެސް 5 ފަރާތަކަށް


ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އެފަދަ ފަރާތްތަކުގެ ޙައްގުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންދޭ ޚާއްސަ ރިވެލި އެވޯޑުދީފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެފަދަ ފަރާތްތަކުގެ ޙައްގުގައި އެކި ގޮތްގޮތުން މަސައްކަތްކުރާ އަދި އެހީތެރިކަން ފޯރުކޮށްދޭ މީހުންނާއި މުވައްސަސާތަކުގެ އަގު ވަޒަންކުރުމަށް ދޭ ރިވެލި އެވޯޑު 5 ފަރާތަކަށް ދީފިއެވެ.

ރިވެލި އެވޯޑް ދިނުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފަރާތްތަކަށް އެވޯޑު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން އެވޯޑު ލިބިފައިވަނީ ށ.ގޮއިދޫ ރިޙާބް އަޙްމަދު ސާދިންއަށާއި ދ.ޖަނަވަރީމާގޭ މުޙައްމަދު ޔަމާމްއަށެވެ. އެކި ގޮތްގޮތުން ރީތިނަމާއި ކާމިޔާބީތައް ހޯދުމުގެ ދާއިރާއިން މއ.އަރިވަރު އަލްހާފިޛް މުޙައްމަދު އަޝްހަމް ޢަލީއަށް ވަނީ އެވޯޑު ދީފައެވެ. ފަންނީ އަދި ފަރުދީގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން އއ.ފެރިދޫ ޝަބްނަމްގެ އަޙްމަދު އާތިފްއަށް ވަނީ އެވޯޑު ދީފައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ފެނަކަ ކޯޕަރޭޝަނަށް ވަނީ އެވޯޑު ދީފައެވެ. ތަޢުލީމު ދިނުމުގެ ދާއިރާއިން މިއަހަރު އެވޯޑު ލިބިފައިވަނީ ޖަމާލުއްދީން ސްކޫލަށެވެ.

ރިވެލި އެވޯޑު ޙަފްލާގައިވަނީ ކޯވިޑްގެ ލޮކްޑައުން މުއްދަތުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީން އޮންލައިންކޮށް ކުރިއަށްގެންދިޔަ ހުނަރު ދައްކާލުމުގެ މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ރިވެލި ތަރި ދީފައެވެ. މިޙަފްލާގައި ރިވެލި ތަރި ޙާސިލުކުރި ފަރާތްތަކަށް ތަރި ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ސްކޫލްތަކުގެ ކެޓަގަރީން މިމުބާރާތުގައި ރިވެލި ތަރި ލިބުނީ އިމާދުއްދީން ސްކޫލަށެވެ. ތަޢުލީމީ ދާއިރާއިން ހއ.އިހަވަންދޫ ދުންތަރި މުޙައްމަދު މާއިޒްއަށާއި ހަމަ އެރަށު ވަފާ، ރަޔާން ރިޔާޟް ޢަބްދުލްވާޙިދަށް ވަނީ ރިވެލި ތަރި ލިބިފައެވެ. މުނިފޫހިފިލުވުމުގެ ދާއިރާއިން މ.އަބާން އަޔާން އާލް ބިން އަޙްމަދު ނާޞިރަށް ވަނީ ރިވެލި ތަރި ލިބިފައެވެ. އަދި ކުޅިވަރުގެ ދާއިރާއިން ޅ.ހިންނަވަރު ކާނިމާގެ ފާތިމަތު އިބްރާހިމަށް އަދި ކުރެހުމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ށ.ގޮތިދޫ ރިޙާބް އަޙްމަދު ސާދިންނަށް ވަނީ ރިވެލި ތަރި ލިބިފައެވެ.

މިޙަފްލާގައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން އުފައްދާ ތަކެތީގައި ޖަހާނެ ލޯގޯއެއްވެސް ތަޢާރަފްކޮށްފައެވެ.

ކޮންމެ ދެއަހަރަކުން އެއްއަހަރު ދެމުން އަންނަ ރިވެލި އެވޯޑަކީ މުޖުތަމަޢުގައި ހަވާސާ ކުރެވިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ކަށަވަރުކޮށް އެކަމުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ސަރުކާރުން ދެމުން އަންނަ އެވޯޑެކެވެ. މިއެވޯޑަށް ކުރިމަތިލެވޭނީ ޚާއްސަ ވެގެންވާ އެއް ދާއިރާއަކަށް އަމިއްލަ ނަން ހުށައަޅައިގެން ނުވަތަ އެހެން ފަރާތަކުން އެމީހެއްގެ ނަން ހުށައަޅައިގެންނެވެ.