ކުޅިވަރު

ކުލަބް މޯލްޑިވްސް ކަޕްގެ 2ވަނަ ބުރަށް ޕޮލިސް ކުލަބާއި ޓްރޭޑް ކްލަބް


ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒްކޮށްގެން ކުރިއަށްގެންދާ އެންމެ ފޯރިގަދަ ފުޓްސެލް މުބާރާތުގެ ދެވަނަ ބުރަށް ޕޮލިސް ކްލަބާއި ޓްރޭޑް ކްލަބް، ދަތުރު ކޮށްފިއެވެ. އިއްޔެގެ ނިޔަލަށް ކުޅުނު މެޗްތަކާއެކު ކުލަބް މޯލްޑިވްސް ކަޕްގެ ފުރަތަމަ ބުރުގެ މެޗްތައް ވަނީ ނިމިފައެވެ.

ޕޮލިސް ކުލަބާއި ހުޅުމާލެ ހޮސްޕިޓަލް ރެކްރިއޭޝަން ކުލަބް ބައްދަލުކުރި މެޗުވަނީ 2-2ކުން އެއްވަރުވެފައެވެ. މިމެޗްގައި އެންމެ ފުރަތަމަ ލީޑްނަގާ ކުރި ހޯދީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ފާރިޝެވެ. ހުޅުމާލެ ހޮސްޕިޓަލުން ލީޑް ނެގިނަމަވެސް ޕޮލިސް ކުލަބުން ވަނީ ފަހަތުންއަރައި، ދެ ގޯލް ޖަހައިފައެވެ. މި ދެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝިފާން އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޢަލީ ފަހުމީއެވެ. ހުޅުމާލެ ހޮސްޕިޓަލަށް މެޗް އެއްވަރުކޮށްދިން ގޯލު ޖެހީ ހަސަން ސޮލާހެވެ.

މި ގްރޫޕްގައި އެލައިޑާއި ޓްރޭޑް ކްލަބް ބައްދަލުކުރި މެޗު އެލައިޑް ވަނީ މުބާރާތުން ކަޓާފައެވެ. މިމެޗްގައި ޓްރޭޑް ކްލަބްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޖުމައިލް ޖަމީލާއި ސައިފާން އަހުމަދު މަނިކެވެ. މީގެއިން ކޮންމެ ކުޅުންތެރިއަކުވަނީ ދެ ގޯލު ޖެހިއިރު، އަނެއް ގޯލު ކާމިޔާބުކުރީ އިސްމާއީލް އިހުތިރާމެވެ. އެލައިޑްގެ ގޯލުތައް ޖެހީ ގައިސާން އަބޫބަކުރު އިބްރާހީމާއި އަންސަރު އިބްރާހިމެވެ.

ގުރޫޕް ސްޓޭޖްގެ މެޗްތައް ނިމުނުއިރުގައި ގްރޫޕް ބީގެ އެއް ވަނަ ޕޮލިހުން ހޯދީ 7 ޕޮއިންޓާއެކުއެވެ. ޓްރޭޑް ކްލަބް 2ވަނަ ބުރަށް ދިޔައީ 6 ޕޮއިންޓް ހޯދައިގެންނެވެ. 3 ވަނައިގައި ނިންމާލި ހުޅުމާލެ ހޮސްޕިޓަލަށް ލިބުނީ 3 ޕޮއިންޓެވެ. އެންމެ ފުލަށް ދިޔަ އެލައިޑަށް ޕޮއިންޓެއް ނުލިބެއެވެ.