ޚަބަރު

24 ގަޑިއިރުތެރޭގައި ކޯވިޑްގައި 3 ވަނަ މީހަކު ނިޔާވެއްޖެ


ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޯވިޑް ބަލީގައި 3 ވަނަ މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ކޯވިޑް ޖެހިގެން މިއަދު ނިޔާވި 77 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އަދި އޭނާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ދިޔަ މީހެއްކަމަށާއި އޭނާ ނިޔާވީ މިއަދު ހެނދުނު 6:29 ހާއިރުކަމަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް ޖެހިގެން އިއްޔެވެސް ރާއްޖެއިން ދެ މީހަކު ނިޔާވިއެވެ.

ކޯވިޑް ޖެހިގެން މިވަގުތު 1726 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 19 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 100 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 90103 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3818 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

ކޯވިޑް-19 އަށް ފާއިތުވި މަސްތަކުގައި ގިނައިން ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތެރޭގެ ރަށްތަކުންނެވެ. އެގޮތުން މިވަގުތުވެސް 14 ރަށެއް އޮތީ ކޯވިޑްގެ ސަބަބުން އަރާފޭބުން މަނާކޮށްފައެވެ.