ޚަބަރު

ސްރީލަންކަން އެއަރލައިންސްގެ ސީދާ ދަތުރުތައް އައްޑޫއަށް އަލުން ފަށައިފި


ސްރީލަންކަން އެއަރލައިންސްގެ ސީދާ ދަތުރުތައް އައްޑޫ ސިޓީގެ ގަމަށް އަލުން ފަށައިފިއެވެ.

ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ގަމަށް އަލުން ފެށުން ފާހަގަކުރުމުގެ ގޮތުން ސްރީލަންކަން އެއަރލައިންސްއިން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިއަދު ޖެއްސި ބޯޓުން ދަތުރުކުރި ގިނަ ޢަދަދެއްގެ ފަތުރުވެރިންނަށާއި ދިވެހިންނަށް، އައްޑޫސިޓީ ކައުންސިލާއި ސްރީލަންކަން އެއަރލައިންސްގެ އިސްވެރިންނާއި އަދި އޭސްއޭވިއޭޝަނުގެ ފަރާތުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ސްރީލަންކަންއިން އައްޑޫއަށް ސީދާ ދަތުރުތައް މިއަދު ފަށާނެކަން މިދިޔަމަހު އެ ކުންފުނިން ހާމަކޮށްފައިވާއިރު، މިފަހަރު ކޮލަންބޯ-ގަމުގެ ދަތުރުތަކުގެ ކަނެކްޝަން ފްލައިޓުތައް، މާލެއާއި ހުވަދޫއަށް ހަމަޖައްސައިދޭނެ ކަމަށް މޯލްޑިވިއަންއިން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

ސްރީލަންކަން އެއަރލައިންސް އިން ކުރިންވެސް ގަމަށް ޝެޑިއުލް ދަތުރުތައް ކޮށްފައިވެއެވެ. އޭރު ހަފްތާއަކު 3 ދަތުރު ކުރި ނަމަވެސް މިފަހަރުގެ ޝެޑިއުލް ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ދަތުރު ބާއްވާ ގޮތަށެވެ. ސްރީލަންކަންއިން އައްޑޫއަށް ކުރިން ކުރަމުން އައި ދަތުރުތައް ހުއްޓާލާފައިވަނީ ކޯވިޑާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭރު އަޅަމުންދިޔަ ފިޔަވަޅުތަކާއި ގުޅިގެންނެވެ.