ދުނިޔެ

ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު!


ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި މެދު ބާއްވާ ވާހަކަތައް އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ބާއްވާ ގޮތަށް އދ. ން ހަމަޖައްސައިފިއެވެ.މިކަން އިއުލާނުކުރައްވާ އދ. ން ސޫރިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޙާއްސަ މަންދޫބު ސްޓެފާން ޑި މިސްތޫރާ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ މި ތާރީޚަށް ސޫރިޔާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ސުވިޓްޒަލޭންޑްގެ ޖެނީވާއަށް އެއްކުރުމަށް އދ. ން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މަޝްވަރާ ވާހަކަތަކުގެ އޮނިގަނޑު ބައްޓަންވާނީ ސޫރިޔާގެ އިދިކޮޅު ގިނަ ޖަމާޢަތްތައް ޝާމިލްވާ ގޮތަށް ކަމަށްވެސް ޙާއްސަ މަންދޫބުގެ ބަޔާނުގައި ބުނެފައިވެއެވެ.މި ބަޔާނުގައި ވަނީ އދ. ގެ މި މަސައްކަތަކަށް ސޫރިޔާގެ ހަނގުރާމައިގެ ހުރިހާ ފަރާތަކުންވެސް އެއްބާރުލުން ދޭނެކަމަށް އުއްމީދުކުރާ ކަމަށް ބުނެފައެވެ. އަދި ސޫރިޔާގެ ހަނގުރާމައިގައި ހިނގާ އެއްވެސް ކަމެއްގެ ސަބަބުން މަޝްވާރާތަކަށް ބުރޫ އަރައިގެން ނުވާނެ ކަމަށް ވެސް އދ. ގެ ޙާއްސަ މަންދޫބުގެ ބަޔާނުގައި ބުނެފައިވެއެވެ.