ޚަބަރު

ގޮއިދޫގައި ފެނާއި ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ފަށައިފި


ށ.ގޮއިދޫގައި ފެނާއި ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހޮޅި ވަޅުލުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހުއާއި ށ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް އާއި ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝާހިދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހުވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުވައި ދިނުމަކީ މިސަރުކާރުގެ ވަރަށް މުހިންމު ވަޢުދެއްކަން ހާމަކުރައްވަމުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މިމަސައްކަތް ތާވަލް ކުރެވިފައިވާ މުއްދަތަށް ނިންމާލެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ގޮއިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދިއުމުގެ އިތުރުން އިޖްތިމާއީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް ރަށުގެ ރައްޔިތުންނަށް މަންފާ ލިބިގެންދާނެކަން ޝާހް ފާހަގަކުރެއްވިއެވެ. ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތް 32 ރަށެއްގައި ކުރަމުން އަންނައިރު މިއިން އެއްވެސް މަސައްކަތެއްގައި ރާއްޖޭން ބޭރުން އެންމެ ބިދޭސީއެއް ވެސް ގެނެސްފައި ނުވާނެކަމަށް ޝާހް ވިދާޅުވިއެވެ.

" ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ފެނާއި ނަރުދަމާ، ދިވެހިރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށެއްގައި، އެ ރަށުގެ ކުޑަ ބޮޑު މިނަށް ބެލުމެއްނެތި، ފެނާއި ނަރުދަމާ ޤާއިމުކޮށް ނިންމުމަކީ އެ މަނިކުފާނުގެ ރިޔާސީ ވަޢުދެއް. އެ ވައުދު ފުއްދުމަށްޓަކައި އެމްޑަބްލިއުއެސްސީން މިއަދު މިއަންނަނީ ވަރަށް މުހިއްމު ރޯލެއް އަދާކުރަމުން. " އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އެމްޑަބްލިއުއެސްސީއާ ޙަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ތެރެގައި ހިމެނޭ ފެނުގެ ނިޒާމުގެ ދަށުން 260 ގޭބީސީއަކަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމާއި 12.07 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް ޤާއިމްކުރުމާއި 2 އާރް.އޯ ޕްލާންޓް ޤާއިމްކުރުން ހިމެނެއެވެ. މީގެ އިތުރުން ފެން ރައްކާކުރުމަށް 2 ޓޭންކު ބެހެއްޓުމާއި، ވާރޭ ފެން ރައްކާކުރުމަށް ޓޭންކެއް ބެހެއްޓުމުގެ އިތުރުން ރެއިންވޯޓަރ ހަރވެސްޓިންގެ ސިސްޓަމެއް ޤާއިމްކުރުންވެސް ހިމެނެއެވެ.

ނަރުދަމާގެ މަސައްކަތްތަކަށް ބަލާއިރު 1 ސީ އައުޓްފްލޯ އެޅުމާއި 260 ގޭބީސީއަށް ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ. މީގެ އިތުރުން 4 ޕަންޕް ސްޓޭޝަނާ 1.48 ކިލޯމީޓަރުގެ ޕަންޕިން މެއިން ޤާއިމުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މިމަސައްކަތަށް 86.05 މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ.