ދުނިޔޭގެ ވިޔަފާރި

"ވަޓްސްއެޕް" މެދުވެރިކޮށް "އޫބާ"ގެ ޚިދުމަތް


މެޓަ ކުންފުނީގެ "ވަޓްސްއެޕް" އެޕްލިކޭޝަން މެދުވެރިކޮށް "އޫބާ"ގެ ޚިދުމަތް ހޯދޭގޮތަށް އޫބާ ކުންފުނިން ހަމަޖައްސައިފިއެވެ.

ދުނިޔޭގެ ހަތްދިހައަށްވުރެ ގިނަ ޤައުމުގައި މީހުންނާއި މުދާ އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ތަފާތު ޚިދުމަތްތައް ދެމުން އަންނަ މަޝްހޫރު ކުންފުނި "އޫބާ" އިން މިދިޔަ ހަފްތާގައި މުޅިން އަލަށް ތަޢާރަފްކުރި "އޫބާ ވަޓްސްއެޕް ޗެޓްބޮޓް" ގެ ޚިދުމަތް ފަށާފައިވަނީ އިންޑިއާގެ އޫތަރ ޕްރަދޭޝްގައެވެ. އަދި އަންނަ އަހަރު އިންޑިއާގެ އިތުރު ޞަރަޙައްދުތަކަށް މި ޚިދުމަތް ފުޅާކުރުމަށް ނިންމާފައިވާކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އޫބާ ވަޓްސްއެޕް އާއެކު އޫބާ އެޕް ޑައުންލޯޑުކުރުމަކާއި ނުލައި ވަޓްސްއެޕް މެދުވެރިކޮށް އޫބާ ގެ ހުރިހާ ޚިދުމަތެއް ހޯދޭނެއެވެ. އޫބާގައި އަލަށް ރަޖިސްޓްރީވާ ކަސްޓަމަރުންގެ ރަޖިސްޓްރޭޝަނާއި، ދަތުރުތައް ހޯދުމާއި، ދަތުރުގެ ރަސީދުވެސް ޗެޓް މެދުވެރިކޮށް ލިބިގެންދާނެ ކަމަށާއި، އޫބާ ގެ އެކައުންޓަށް މެސެޖުކޮށްގެން، ނުވަތަ ކިއު.އާރު ކޯޑު ސްކޭން ކޮށްގެން ޚިދުމަތް ހޯދޭނެކަމަށް އެ ކުންފުނިން ހާމަކުރެއެވެ. އަދި ޚާއްޞަ ލިންކެއް މެދުވެރިކޮށްވެސް އޫބާ ވަޓްސްއެޕް ޗެޓް ހުޅުވޭނެކަމަށް ކުންފުނީގެ ބްލޮގުގައި ހާމަކޮށްފައިވެއެވެ.

މި ޚިދުމަތުގެ ތެރޭގައި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރިންވެސް އޫބާއިން ގެންގުޅޭ މިންގަނޑުތައް ހިމަނާފައިވެއެވެ. އެގޮތުން ދުއްވާމީހާގެ (ޑްރައިވަރުގެ) ނަމާއި އުޅަނދުގެ ލައިސަންސްޕްލޭޓް ނަންބަރު އެނގެންހުރުމާއެކު، ކުއްލި ޙާލަތްތަކުގައި ޚިދުމަތްހޯދާ ފަރާތުން މެސެޖުކުރުމުން ވަގުތުން އެކަމެއް ބެލޭނެ އިންތިޒާމު ހަމަޖެހިފައިވުން ހިމެނެއެވެ.
އިންޑިއާގެ 100 ސަރަޙައްދެއްގައި އެއްގަމު ދަތުރުކުރުމަށާއި، ޑެލިވަރީކުރުމުގައި މިހާރުވެސް ޚިދުމަތްދެމުން އަންނަ އޫބާއިން މިފަހަރު ޢަމާޒުހިފާފައިވަނީ ދަތުރުކުރާ ފަރާތްތަކަށް ވީހާވެސް ފަސޭހައިން ޚިދުމަތް ހޯދޭނެގޮތް ހެދުމަށްކަމަށް އޫބާގެ މަންދޫބަކު މަޢުލޫމާތުދެއެވެ. އެގޮތުން އިންޑިއާގައި އެކަނިވެސް 500 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރަމުންދާ ވަޓްސްއެޕް ޕްލެޓްފޯމާއި ގުޅުމުގެ ސަބަބުން އެ ޤައުމުގައި އޫބާގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ޢަދަދު ބޮޑުތަނުން އިތުރުވެގެންދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.