ވިޔަފާރި

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައީ ނޮވެންބަރުމަހު

ނޮވެންބަރުމަހު ރާއްޖެއަށް 144،725 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއާއެކު ނޮވެމްބަރުމަސް ވެފައިވަނީ އަހަރުގެ މިހާތަނަށް އެއް މަހެއްގެތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މަހެވެ.

މިއަހަރުގެ ނޮވެންބަރުމަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އަދަދަކީ ކޯވިޑުގެ ކުރިން 2019ވަނަ އަހަރުގެ ނޮވެމްބަރުމަހު ރާއްޖެއަށް އައިސްފައިވާ 137،921 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 4.9 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ އޮކްޓޫބަރުމަހާއި އަޅާ ބަލާއިރު ނޮވެމްބަރުމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށްވަނީ 1.8 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ.

އަހަރުގެ މިހާތަނަށް މަހުން މަހަށް ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު

 • ޖަނަވަރީ 92،103 ފަތުރުވެރިން
 • ފެބްރުއަރީ 96،882 ފަތުރުވެރިން
 • މާރޗް 109،585 ފަތުރުވެރިން
 • އޭޕްރީލް 91،200 ފަތުރުވެރިން
 • މެއި 64،613 ފަތުރުވެރިން
 • ޖޫން 56،166 ފަތުރުވެރިން
 • ޖުލައި 101،818 ފަތުރުވެރިން
 • އޮގަސްޓް 143،599 ފަތުރުވެރިން
 • ސެޕްޓެމްބަރ 114،896 ފަތުރުވެރިން
 • އޮކްޓޯބަރ 142،066 ފަތުރުވެރިން
 • ނޮވެމްބަރ 144،725 ފަތުރުވެރިން

މިޢަދަދުތަކާއެކު އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 1.2 މިލިއަން ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަނީ 4772 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެގިނައިން ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ %22.5އަކީ އިންޑިއާ ފަތުރުވެރިންނެވެ. 2ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެއީ ރާއްޖެއައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ %17.7އެވެ.