ވިޔަފާރި

މިދިޔަމަހު 78 ހާހަށްވުރެގިނަ ބަސްތާގެ ކާޑު ރާއްޖޭގެ އެކި ސަރަހައްދުތަކަށް


އެސްޓީއޯއިން މިދިޔަ ނޮވެންބަރުމަހު 78 ހާހަށްވުރެ ގިނަ ބަސްތާގެ ކާޑު އެކި ސަރަހައްދުތަކަށް ފޮނުވައިފިއެވެ.

މާލެއާއި ރަށްރަށުގައި ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެސްޓީއޯއިން ބުނީ މިދިޔަ ނޮވެންބަރުމަހުތެރޭގައި މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް 78335 ބަސްތާ ކާޑު ފޮނުވާފައިވާކަމަށެވެ.

އެސްޓީއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ތެރޭގައި އަތޮޅުތަކަށް 544 އޯޑަރެއް ވަނީ ފޮނުވާފައެވެ. މީގެތެރޭގައި އަތޮޅުތެރޭގައި ތިބި އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް ލިބިފައިވާ އޯޑަރުތައްވެސް ހިމެނެއެވެ. މީގެތެރޭގައި ހިމެނެނީ 24152 ބަސްތާ ހަނޑުލާއި، 7893 ބަސްތާ ހަކުރާއި 19595 ބަސްތާ ފުށެވެ.

މާލެ ސަރަހައްދުން މިދިޔަމަހު މުޅި ޖުމްލަ 1104 އޯޑަރު ލިބިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ 9036 ބަސްތާ ހަނޑުލާއި، 3935 ބަސްތާ ހަކުރާއި 6304 ބަސްތާ ފުށެވެ.

ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެސްޓީއޯގެ ފިހާރަތަކުން ގަންނަން ބޭނުންވާ ތަކެތި އެސްޓީއޯގެ އޮންލައިން ޕޯޓަލް އީސްޓޯރ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ގަންނަ ތަކެތި އެސްޓީއޯއިން ދަނީ ޑެލިވަރވެސް ކޮށްދެމުންނެވެ. އީ-ސްޓޯރއަކީ ކޯވިޑާއި ގުޅިގެން އެސްޓީއޯގެ ފިހާރަތަކަށް ނުގޮސް ކަސްޓަމަރުންނަށް ތަކެތި ގަނެވޭނެގޮތް ފަހިކުރުމުގެ ގޮތުން ތައާރަފްކުރި އޮންލައިން ޕްލެޓްފޯމެކެވެ.