ޚަބަރު

ރައީސް ޔާމީން މިނިވަންވުން ފާހަގަކުރުމަށް އިދިކޮޅުން ޖަލްސާއެއް ބާއްވައިފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އިއްވި ޖަލު ހުކުމުން މިނިވަންވެވަޑައިގަތުން ފާހަގަކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޖަލްސާއެއް ބާއްވައިފިއެވެ.

ކާނިވާ ސަރަހައްދުގައި ބޭއްވި މި ޖަލްސާގައި ރައީސް ޔާމީންނާއި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް ބޭފުޅުންނާއި، އިދިކޮޅު މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް ބައިވެރިވިއެވެ.

"މަރުހަބާ ރައީސް ޔާމީން" މި ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނަށް އިއްވި ޖަލު ހުކުމުން ސަލާމަތްކުރުމަށް އެމަނިކުފާނަށް ތާޢީދުކުރައްވާ ފަރާތްތަކުން ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި، ސަރުކާރުން ކަންތައް ކުރަމުންދާ ގޮތަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. އަދި ރައީސް ޔާމީންވަނީ ރާއްޖޭގެ ނޫސްވެރިންނަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއީ ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަށްފަހު އެމަނިކުފާނުގެ ސަޕޯޓަރުންގެ ކުރިމައްޗަށް ނިކުމެ ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ. މި ޖަލްސާގައި ރައީސް ޔާމީންގެ އިތުރުން ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކާއި، ޕީޕީއެމް ޕީއެންސީގެ އިސް ބައެއް ބޭފުޅުންވެސް ވާހަކަފުޅު ދެއްކެވިއެވެ. މިބޭފުޅުންގެ ވާހަކައިގައިވެސްވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ.

މަނީލޯންޑްރިންގެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި, ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޚުކުމް ސުޕްރީމް ކޯޓުން ބާޠިލްކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ގއ. ވޮޑަމުލާ ކުއްޔަށް ދީގެން އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އެހެން އެކައުންޓަކަށް ޖަމާކޮށް، އަސްލު އޮޅުވާލައި ފައިސާ ލޯންޑަރ ކުރިކަން ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 28 ނޮވެމްބަރު 2019 ގައެވެ. ކްރިމިނަލް ކޯޓުން ހުކުމްކުރީ ޔާމީން ފަސް އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. އެ ނިންމުމަށް ހައިކޯޓުން ދެމެހެއްޓިއެވެ. އެހެންނަމަވެސް އެ ނިންމުންތައް ސުޕްރީމްކޯޓުން އަންގާރަ ދުވަހު ބާތިލުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ޙުކުމުގައި ވަނީ، އެސްއޯއެފް ކުންފުންޏަކީ ރައީސް ޔާމީން ދަންނަ ކުންފުންޏެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް އެކުންފުނިން ޖަމާކުރި ފައިސާ އިންވެސްޓްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. މި ފައިސާ އިންވެސްޓްކޮށްފައިވަނީ އެ ފައިސާއަކީ އަޙްމަދު އަދީބު ދިން ފައިސާކަމަށް ޤަބޫލުކޮށްގެންކަމަށް ރައީސް ޔާމީން ވިދާޅުވިނަމަވެސް އެއީ ކަންތައް ކުރަންޖެހޭ ގޮތް ނޫންކަމަށްވެސް ސުޕްރީމްކޯޓުގެ ހުކުމްގައިވެއެވެ. އެކަން ރައީސް ޔާމީން ކުރައްވާފައިވަނީ އެ ފައިސާގެ ޙަޤީޤަތާއި މެދު ސުވާލު އުފެދި ދައުލަތުގެ އިދާރާތަކުން ތަޙްޤީޤު ކުރާކަން އެނގިހުރެ އެކަމަށް އެއްވެސް ބެލުމެއް ފަރުވާލެއް ނެތިކަންވެސް ހުކުމުގައިވަނީ ފާހަގަކުރައްވާފައެވެ. އަދި އެއީ ދައުލަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއްނެތި ޤާނޫނީ ވެރިކަން ކުރިއަށް ނެރުމުގެ ބަދަލުގައި އަމިއްލަ މަންފާ އިސްކޮށް ކޮށްފައިވާ އަމަލެއްކަމަށްވެސް ސުޕްރީމްކޯޓުގެ ހުކުމުގައިވެއެވެ.

ސުޕްރީމްކޯޓުގެ ހުކުގައިވަނީ މި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް އެމަނިކުފާނަށް ޝައްކުކުރެވޭކަން ސާފުކޮށް އެނގޭކަމަށެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ކުރި ޙުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ވީނަމަވެސް، ރ. ފުއްގިރި ވިއްކައިގެން ލިބުނު މިލިއަނަކަށްވުރެ ގިނަ ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ. އަދި ވ. އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް މަނީލޯންޑަރކުރުމާއި، ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާވެސް މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.