ކުޅިވަރު

މިއީ ތާރީޚީ މެޗެއް - އަފްޣާން ކޯޗު


މިއަދުގެ މެޗަކީ ތާރީޚީ މެޗެއް ކަމަށް އަފްޣާނިސްތާނުގެ ކޯޗް ޕީޓަރ ސާޓް ބުނެފިއެވެ. ސާފް ސުޒުކީ ކަޕްގައި ގްރޫޕް ސްޓޭޖްގައި 3-0 ން ބޫޓާން ބަލި ކޮށްލުމަށްފަހު އަފްޣާނިސްތަނުގެ ކޯޗް ޕީޓަރ ބުނީ އަފްޣަނިސްތާނަކީ ވަރަށް ތަފާތު މާޙައުލެއް އޮތް ތަފާތު ދިރިއުޅުމެއް އުޅެމުން އަންނަ ޤައުމެއް ކަމަށާއި އެހެންކަމުން މިފަދަ ކޮންމެ ކާމިޔާބީއަކީ މުޅި އަފްޣާނިސްތާނަށް ލިބޭ އުފާވެރިކަމެއް ކަމަށެވެ. މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުުގައި ކޯޗް ޕީޓަރ ބުނީ މުބާރާތުގައި ކުރިޔަށް އަދިވެސް ތިން މެޗް އަފްޣާނިސްތާނަށް އޮތްކަމަށް ޤަބޫލުކުރާކަމަށެވެ. އަދި މިމެޗް ތާރީޚީ މެޗަކަށްވާ ސަބަބަކީ ބައިކޮޅަށް ލަނޑެއް ނުވަދެ ތިން ޕޮއިންޓާއެކު ޖެހިޖެހިގެން ގިނަ މެޗްތަކެއް މީގެ ކުރިން ދުވަހަކުވެސް ކާމިޔާބު ކުރެވިފައި ނުވާތީކަމަށެވެ. ކުރިޔަށް އޮތް މެޗްގައި ދިވެހިރާއްޖެއާ ދެކޮޅަށްވެސް ނިކުންނާނީ އިޙްތިރާމާއެކީ ހަމަ މިގޮތަށް ތިންޕޮއިންޓް ހޯދަންކަމަށް ކޯޗު ބުންޏެވެ. އެންމެ އުފާވާކަމަކީ މުބާރާތުގައި ދެ މެޗް ކުޅުނުއިރު މާބޮޑު އަނިޔާއެއް ކުޅުންތެރިއަކަށް ނުވެ އެއްވެސް ކާޑެއް ކުޅުންތެރިއަކަށް ދައްކާފައިނުވާތީކަމަށްވެސް މިހާރު ސެމީފައިނަލަށް ދަތުރުކޮށްފައިވާ ޓީމްގެ ކޯޗު ބުންޏެވެ.ބޫޓާންގެ ކޯޗް ހިޝޭ ޝެރިންގް ބުނީ ބަލިވިނަމަވެސް ކުޅުންތެރިން ކުރި ހިތްވަރު ފާހަގަކުރާކަމަށެވެ. އަދި މުޅި މެޗްގައި އެކުޅުންތެރިން ވަރަށް ރަނގަޅަށް ހިތްވަރު ކުރިކަމަށެވެ. އަދި މީ ބޫޓާންގެ ލެވެލް ކަމަށާއި އަދިވެސް ބޫޓާންގެ ކުޅުންތެރިންނަށް ގިނަ ތަޖުރިބާތަކެއް ބޭނުންވާކަމަށް ކޯޗު ބުންޏެވެ.މި ނަތީޖާއާއެކު އަފްޣާނިސްތާންވަނީ ރާއްޖެއާއެކު ސާފް ސުޒުކީ ކަޕް 2015ގެ ސެމީފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ.