ޚަބަރު

ކޮލެޖުތަކާއި ޔުނިވަރސިޓީތައް ކޮންމެ 3 އަހަރަކުން އޮޑިޓްކުރުން ލާޒިމްކޮށްފި


ރާއްޖޭގައި ހިންގާ ކޮލެޖު ޔުނިވަރސިޓީތައް ކޮންމެ ތިން އަހަރަކުން އޮޑިޓްކުރުން ލާޒިމްކޮށް، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު ގެޒެޓްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މެއި 16 ގައި ތަސްދީްްކުރައްވާފައިވާ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އެކުލަވާލާ ގެޒެޓްކޮށްފައިވާ މި ޤަވާއިދުގެ މަޤްޞަދަކީ އެއް މިންގަނޑެއްގެ ދަށުން މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމުގެ ކަންކަމުގައި ޢަމަލުކުރާނެ އާންމު އުސޫލުތަކާއި ހަމަތައް ކަނޑައެޅުމާއި، އެ ހަމަތައް ބަޔާންކުރުމެވެ.

މި ޤަވާއިދު ބުނާގޮތުން މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒެއް ރަޖިސްޓަރީކުރަން ހުށަހެޅޭނީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނާއި، މަތީ ތަޢުލީމުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި ގުޅޭގޮތުން އެކުލަވާލާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އެ ކަމަށް ޝަރުޠުހަމަވާ ފަރާތްތަކުންނެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސްޓޭންޑަރޑަށް ފެތޭ ޕްރޮގްރާމްތައް ހިންގަންވާނީ، އެ ޕްރޮގްރާމް ހިންގާ މަރުކަޒެއް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެންކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ. އަދި ރެގިއުލޭޓަރީ އިދާރާއަކުން ހުއްދަދީގެން ހިންގާ މަތީ ތަޢުލީމާއި ތަމްރީނުދޭ ޕްރޮގްރާމްތައް ހިންގަންވާނީ، އެ ޕްރޮގްރާމް ހިންގާ މަރުކަޒެއް މިނސްޓްރީގައި ރަޖިސްޓަރީކޮށްގެންކަމަށްވެސް މި ޤަވާއިދު ބަޔާންކުރެއެވެ.

އައު ޤަވާއިދު ބުނާގޮތުން މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ހިންގަންވާނީ، ކިޔަވައި ދިނުމާއި ތަމްރީނުތައް ހިންގުމުގެ ހުއްދައަށް އެދުމުން، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެކަމަށް ހުއްދަ ދީފައިވާ އިމާރާތެއްގައިކަމަށާއި، މިނިސްޓްރީގައި މަރުކަޒު ރަޖިސްޓަރީ ކުރުމަށްފަހު، މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސްޓޭންޑަރޑާއި ރެގިއުލޭޓަރީ ބޮޑީއަކުން ހުއްދަ ލިބިގެން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގަން ފަށަންވާނީ، އެ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ހޯދުމަށްފަހުގައިކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ދަރިވަރުންނާ ގުޅޭގޮތުން ހަދަންޖެހޭކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް އެކުލަވައިލައި، ދަރިވަރުންނަށް ފެންނާނޭ ހެން މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި އެ ތަކެތި އާންމުކޮށްފައި ހުންނަންވާނެކަމަށްވެސް އަލަށް އަމަލުކުރަން ފެށި ޤަވާއިދުގައިވެއެވެ.

މި ޤަވައިދު ބުނާގޮތުން މަތީ ތަޢުލީމާއި ތަންރީނުދޭ މަރުކަޒުތަކުގެ ފެންވަރު ކަށަވަރު ކުރުމަށްޓަކައި ކޮންމެ ތިން އަހަރަކުން މިނިސްޓްރީންނާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އޮޑިޓްކުރާނެއެވެ. އަދި މަތީ ތަޢުލީމާއި ތަމްރީނުގެ ކަންކަން ކަށަވަރުކުރުމާއި ދަރިވަރުންގެ ޙައްޤުތައް ރައްކައުތެރި ކުރުމަށް ޓަކައި ބަލަންޖެހޭ ކަންކަން ބެލުމަށް، މިނިސްޓްރީއާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ބޭނުންވެއްޖެ ހިނދެއްގައި، މަރުކަޒުން އެ ކަމަށް މަގުފަހިކޮށްދޭން ވާނެކަމަށްވެސް ބުނެފައިވެއެވެ.

އައު ޤަވާއިދު ބުނާގޮތުން މަތީ ތަޢުލީމުދޭ މަރުކަޒުތައް ރަޖިސްޓްރީ ކުރުމަށް ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި، ދައުލަތުގެ އިދާރާތަކަށާއި، ޕާޓްނާޝިޕްތަކަށާއި، ކުންފުންޏިތަކަށާއި، ޖަމްޢިއްޔަތަކަށެވެ.

ރާއްޖޭގައި މިހާރު ޢަމަލުކުރަމުން އަންނަ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ސަބަބުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަކީ މުސްތަޤިއްލުކަމާއެކު އެ ތަނެއްގެ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަމާއި ބާރު ލިބިފައިވާ، ޖަވާބުދާރީ ކުރެވޭ ފަރާތްތަކަކަށް ވެގެން ދާނެކަމަށް އެ ޤާނޫނުގައި ބަޔާންކުރެއެވެ. އަދި މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމާގުޅޭ އެހެނިހެން އުސޫލުތައްވެސް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.