1948ވަނަ އަހަރުން ފެށިގެން އދ.ގެ އެޖެންޑާގައި ފަލަސްތީން މައްސަލަ އޮތް އިރުވެސް، އެމައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވުމަކީ ހިތާމަހުރި ކަމެއްކަމަށާއި، މި މައްސަލަ ހައްލުވާނީ ޢަމަލުން މަސައްކަތް ކޮށްގެންކަމަށް އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފަލަސްތީނާ ބެހޭ ސުވާލާއި، މެދުއިރުމަތީގެ ހާލަތާ ބެހޭގޮތުން ބޭއްވި ބައްދަލުވުމުގައި އަބްދުﷲ ޝާހިދު ވިދާޅުވީ ފަލަސްތީނާއި އިޒްރޭލާ ދެމެދު އޮތް މައްސަލައިގެ ސަބަބުން މުޅި އެ ސަރަޙައްދުގެ އަމާންކަން ގެއްލި، ލޮޅުންއަރައިގެންދިޔަ ތަން ކިތަންމެ ފަހަރަކު ފެނިފައިވާކަމަށެވެ.
އެގޮތުން 70އަށް ވުރެ ގިނަ އަހަރު އދ.ގެ އެޖެންޑާގައި ފަލަސްތީން މައްސަލަ އޮތް އިރުވެސް، އެކަށީގެންވާ ހައްލެއް މި މައްސަލައަށް ލިބިފައިނުވުމަކީ ހިތާމަހުރި ކަމެއްކަމަށާއި މިމައްސަލައިގެ ސަބަބުން ހަމައެކަނި އެ ސަރަޙައްދުގެ ސުލްޙަވެރިކަމާއި ރައްކާތެރިކަމުގެ އިތުރަށް އދ. ގެ އަސާސީ ތަސައްވުރު ކަމުގައިވާ، ބައިނަލްއަޤުވާމީ މުޖުތަމަޢެއްގެ ގޮތުގައި އެންމެން އެކުވެގެން ޚާރިޖީ ދެބަސްވުންތައް ހައްލުކުރުމުގެ ބާރު ވެސް އޮތީ ނުރައްކަލުގައިކަމަށް ޝާހިދު ވިދާޅުވިއެވެ.
އެހެންކަމުން މިފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާ އދ.ގެ ގުނަވަންތަކުގެ އިތުބާރު ހިފަހައްޓައި، އެދެވޭ މަޝްވަރާތަކާއެކު ހުރިހާ މެމްބަރުންގެ ބައިވެރިވުމާއެކު އުންމީދުކަނޑާނުލައި މަސައްކަތްކުރަންޖެހޭކަމަށް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
"ފަލަސްތީނު، ޙާއްސަކޮށް ގާޒާގައި އޮތް އިންސާނިއްޔަތާ ޚިލާފު ކާރިސާގެ ވާހަކަ އަޅުގަނޑުމެން ކޮންމެ އަހަރަކު ދައްކަމު. އެކަމަކު ހަމައެކަނި ބަސްތަކަކުން ނުފުދޭ. ކަރަންޓާއި ފެނާއި މިފަދަ ޒަރޫރީ ބޭނުންތަކުން މަހުރޫމުވެފައި ތިބި މިލިއަނަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ދިރިއުޅުން ހަމައެކަނި ބަސްތަކަކުން ސިފައެއް ނުކޮށްދެވޭނެ" ޝާހިދު ވިދާޅުވިއެވެ.
މީގެ އެތައް އަހަރެއްކުރިން ފެށިގެން ނުޙައްޤުން ފަލަސްތީނުގެ ބިންތަކަށް ވެރިވެވަގތުމާއި ޙައްޤަކާ ނުލައި ފަލަސްތީނު މީހުން ހައްޔަރުކުރުމާއި، އެމީހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކުން ފަލަސްތީނު ރައްޔިތުން ސަލާމަތްކުރަން ހަމައެކަނި ދައްކާލާ ވާހަކަތަކެއް ނުފުދޭކަމަށް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
"މި ހުރިހާ މައްސަލައެއް ހައްލުވާނީ އެކަމާ ދެކޮޅަށް އަމަލުން މަސައްކަތް ކޮށްގެން. އެމީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދީ، މި ހަމަނުޖެހުން ނިމުމަކަށް ގެނެސް، އެ ސަރަޙައްދުގައި ދިރިއުޅޭ އިންސާނީ ދަރިފަސްކޮޅުގެ ޤަދަރު ކުރިއަށް ނެރެގެން. ކުރަން ހުރި ބައިވަރު ކަންކަން އެބަހުރި" އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
ފަލަސްތީނު ރެފިއުޖީންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޔޫ.އެން.އާރް.ޑަބްލިއު.އޭ އަށް ފަންޑުކުރުން މި އަހަރު އަލުން ފެށިފައިވީނަމަވެސް މި އަހަރު ނިމެންދެން އެ އޮޕަރޭޝަންތައް ހިންގޭހާ ފައިސާއެއް ޔޫ.އެން.އާރް.ޑަބްލިއު.އޭ ގައިނެތްކަމަށް ވިދާޅުވާ ވިދާޅުވުން ޝާހިދު ތަކުރާރުކުރެއްވިއެވެ.
ރިޒޮލިއުޝަން 181 ގައި ބަޔާންކުރާ ފަދައިން، ޓޫ-ސްޓޭޓު ގެ ހައްލަކީ ފަލަސްތީނާއި އިޒްރޭލުގެ ރައްޔިތުންނަށް އެދެބައިމީހުންގެ ހަޤީޤީ އުންމީދު ވިސްނި، އެއްބަޔަކު އަނެއްބަޔަކާ ކައިރި ކައިރީގައި ހަމަޖެހިގެން ސުލްޙަވެރިކަމާއި 1967 ބޯޑަރުތަކުގެ ރައްކާތެރިކަމާއެކު ދިރިއުޅެވޭގޮތްވުމުންކަމަށާއި، އިންސާފުވެރިކަމާއި ސުލްޙަވެރިކަން ލިބޭނެ ޙައްލެއް ހޯދައި އެކަން ބަދަލުކުރުމަށް ބޭނުންވަނީ ގިނަ ޤައުމުތަކަކުން އެއްބަސްވާ ސިޔާސަތެއްކަމަށްވެސް ޢަބްދުﷲ ޝާހިދުވަނީ ފާހަގަކުރައްވާފައެވެ.