ޚަބަރު

އޭޝިޔާ ޕެސިފިކުގެ ޤައުމުތަކުން އޮމިކްރޯނަށް ސަމާލުވުމަށް އަންގައިފި


ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ އައު ވައްތަރެއްކަމަށްވާ އޮމިކްރޯން ވޭރިއެންޓާމެދު އޭޝިޔާ ޕެސިފިކުގެ ޤައުމުތަކުން ވަރަށް ބޮޑަށް ސަމާލުވުމަށް ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން އިލްތިމާޞްކޮށްފިއެވެ.

ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ބުނީ ދުނިޔޭގައި ހަލުވިކަމާއެކު އޮމިކްރޯން ފެތުރެމުންދާ ދަނޑިވަޅެއްގައި 650 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އޭޝިޔާ ޕެސިފިކުގެ ޤައުމުތަކުގެ ޞިއްޙީ ޚިދުމަތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް އެ ޤައުމުތަކުގައި ދިރިއުޅޭ މީހުންނަށް ވެކްސިންގެ ޑޯސްތައް ދިނުން ވަރަށް މުޙިއްމުކަމަށެވެ. އެ ޖަމުޢިއްޔާއިން ބުނެފައިވަނީ ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ބަންދުކުރުމަކީ ވަޤުތީ ޙައްލެއްކަމަށާއި އަވަސް ފިޔަވަޅުތަކެއް އެޅުން މުޙިއްމުކަމަށެވެ.

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު އޮމިކްރޯންވަނީ އޮސްޓުރޭލިޔާގެ އިތުރުން އިންޑިޔާއާއި މެލޭޝިޔާއާއި ސިންގަޕޫރާއި ދެކުނު ކޮރެޔާއާއި ޖަޕާނުން ފެނިފައެވެ. އޭޝިޔާ ޕެސިފިކުގެ ޤައުމުތަކުގައި ކޯވިޑް-19ގެ ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވާ މީހުންގެ ނިޞްބަތުގެ ތަފާތު ވަރަށް ބޮޑެވެ. އެ ގޮތުން އެ ސަރަޙައްދުގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑޮނޭޝިޔާގައި ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވަނީ 270 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން %35 މީހުންނެވެ.