ޚަބަރު

އިންޑިޔާގައި އޮމިކްރޯނުން ކުރާ އަސަރު ކުޑަވާނެކަމަށް ލަފާކޮށްފި


ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ އައު ވައްތަރެއްކަމަށްވާ އޮމިކްރޯން ވޭރިއެންޓުގެ ސަބަބުން ކުރިމަތިވާނެ ޞިއްޙީ މައްސަލަތައް އިންޑިޔާގައި ކުޑަވާނެކަމަށް ލަފާކޮށްފިއެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ އެ ޤައުމުގެ ގިނަ ބަޔަކު ކޯވިޑް-19ގެ ވެކްސިން ޖަހާފައިވުމުންނާއި މިދިޔަ ޖުލައި މަހުގެ ތެރޭގައި އެ ޤައުމުގެ ގިނަ ބަޔަކަށް ބަލިޖެހިފައިވުމުން އޮމިކްރޯނުން ކުރިމަތިވާނެ ނުރައްކާތެރިކަން ކުޑަވާނެކަމަށް ބެލެވޭކަމަށެވެ. އެ ވުޒާރާއިން އެހެން ބުނެފައިވަނީ އިންޑިޔާގައި ކޯވިޑް-19ގެ އިތުރު ރާޅެއް ފެތުރުމުގެ ކުރިން ޞިއްޙީ ޚިދުމަތްތެރިންނާއި ޞިއްޙީ ސާމާނު އިތުރުކުރުމަށް އެ ޤައުމުގެ ޞިއްޙީ މާހިރުން ގޮވާލައިފައިވަނިކޮށެވެ. އަދި އޮމިކްރޯނުގެ ސަބަބުން ކުރިމަތިވާނެ މައްސަލަތައް ކުޑަވާނެކަމަށް ލަފާކުރި ނަމަވެސް އެ ވޭރިއެންޓާ ގުޅޭގޮތުން ލިބެމުންދާ މަޢުލޫމާތު ބަދަލުވަމުންދާކަން އެ ވުޒާރާއިންވަނީ ފާހަގަކޮށްފައެވެ.

އިންޑިޔާގައި އެންމެ ފުރަތަމަ ފެނުނު ކޯވިޑް-19ގެ ވައްތަރެއްކަމަށްވާ ޑެލްޓާއަށްވުރެ އޮމިކްރޯނުގެ ނުރައްކާތެރިކަން ބޮޑުކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިންވަނީ ބުނެފައެވެ. ދުނިޔޭގެ ގިނަ ޢަދަދެއްގެ ޤައުމުތަކެކޭ އެއްގޮތަށް އިންޑިޔާއިންވެސްވަނީ އޮމިކްރޯން ފެނިފައެވެ. އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި އެ ޤައުމުގެ ދެކުނުގެ ސުޓޭޓެއްކަމަށްވާ ކަރުނާޓަކާއިންވަނީ އޮމިކްރޯން ޖެހިފައިވާ ދެ މީހުން ފެނިފައެވެ. އެއާއެކު އެ ޤައުމުގައި ބަލިމަޑުކަމުގެ ނުރައްކާތެރި އިތުރު ރާޅެއް ފެތުރިދާނެކަމުގެ ބިރުވެރިކަންވަނީ ބޮޑުވެފައެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި އިންޑިޔާގައި ދުވާލެއްގެ މައްޗަށް 10،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހެއެވެ. އިންޑިޔާގައި ކޯވިޑް-19ގެ ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވަނީ އެ ޤައުމުގައި ދިރިއުޅޭ 1.4 ބިލިޔަން މީހުންގެ ތެރެއިން %47 މީހުންނެވެ.