ޚަބަރު

ޤުރުއާނާ ބެހޭ މަރުކަޒާއި ޢިލްމު އިންސްޓިޓިއުޓު ގުޅިގެން ޚާއްސަ ކޯސްތަކެއް


ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހިންގަމުން އަންނަ ޤުރުއާނުގެ ޢިލްމާބެހޭ ކޯސްތައް، ޢިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސް މެދުވެރިކޮށް ހިންގުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ޤިރާއަތު ދާއިރާގެ ސެޓްފިކެޓް ލެވަލްތަކުގެ ކޯސްތަކާއި ޤިރާއަތު ދާއިރާއިން ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ޢިލްމު އިންސްޓިޓިއުޓާ ގުޅިގެން ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިއެއްބަސްވުމުގެ ދަށުން އަންނަ ޖެނުއަރީ މަހުން ފެށިގެން ޢިލްމު އިންސްޓިޓިއުޓްގެ ފަރާތުން ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ މަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް، ފަޟީލަތުއްޝައިޚު އިލްޔާސް ޖަމާލެވެ. އިލްމު އިންސްޓިޓިއުޓްގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޢަލީ އަޙުސަނެވެ.


އިލްމު އިންސްޓިޓިއުޓަކީ ދިވެހިންގެ މެދުގައި ޤުރުއާނަށް ލޯބިޖައްސުވާ ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. އެޖަމްޢިއްޔާއިން ވިދާޅުވީ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޤުރުއާނުގެ ޢިލްމު ފެތުރުމަށް މަސައްކަތްކުރުންކަމަށެވެ.

އެޖަމިއްޔާއިންވަނީ ދާދިފަހުން ރާއްޖޭގައި 100 ހާފިޒުންގެ ބޮޑު މަޝްރޫޢެއް އިއުލާންކޮށްފައެވެ. މިމަޝްރޫއޫގެ މަސައްކަތް މި ޑިސެމްބަރުމަހުގެ ކުރީކޮޅު ފެށޭނެކަމަށް އެޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ. އިލްމު އިންސްޓިޓިއުޓުން ވިދާޅުވީ މިކަމަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. އެގޮތުން 500 އަށްވުރެ ގިނަ ދަރިވަރުން މިޕްރޮގްރާމަށް ކުރިމަތިލާފައިވާކަމަށްވެސް ޢިލްމު އިންސްޓިޓިއުޓުން ބުނެއެވެ.