ޚަބަރު

ޔޫއޭއީގެ ޤައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި


ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ 50ވަނަ ޤައުމީ ދުވަސް ރާއްޖޭގައި ކުލަ ގަދަކޮށް ފާހަގަކޮށްފިއެވެ. ރާއްޖޭގައި ހުންނަ ޔޫއޭއީގެ އެމްބަސީގެ ފަރާތުން ދުވަހާގުޅޭ ޚާއްސަ ޙަރަކާތްތައްވަނީ ކުރިއަށްގެންގޮސްފައެވެ.

ޤައުމީ ދުވަސް ފާހަގަކުރުމަށް ޔޫއޭއީ އެމްބަސީގެ ޗަރޖް ޑި އެފެއާޒް ހިބާ އަލް ޖުނައިބީ ވަނީ ވަރޗުއަލްކޮށް ބައްދަލުވުމެއް ބާއްވަވާފައެވެ. މިބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ. އަދި ރާއްޖެއާއި ޔޫއޭއީ ސަރުކާރުގެ އިސްވެރިންނާއި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި އދ.ގެ ފަރާތުންވަނީ އޮންލައިންކޮށް ކުރިއަށްދިޔަ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޔޫއޭއީ އެމްބަސީގެ ޗަރޖް ޑި އެފެއާޒް ވަނީ އެޤައުމުގެ ޤައުމީ ދުވަހާ ދިމާކޮށް ޔުނެސްކޯއިން ދުނިޔޭގެ ކުރިމަގަކީ ދެމެހެއްޓެނިވިގޮތެއްގައި ރައްކާކުރެވޭ މާދަމާއަކަށް ހެދުމަށްޓަކާ ވޯލްޑް ފިއުޗަރ ޑޭގެ ގޮތުގައި ޑިސެމްބަރު މަހުގެ 2ވަނަ ދުވަސް ކަނޑައެޅުމަކީ އޫއޭއީއަށް ލިބިގެންދާ ފަޚުރެއްކަމަށް ވިދާޅުވެފައެވެ.

ޔޫއޭއީގެ ޤައުމީ ދުވަސް ފާހަގަކުރުމަށްވަނީ ރާއްޖޭގެ ޤައުމީ ދާރުލްއާސާރު ޢިމާރާތް ޔޫއޭއީގެ ޤައުމީ ދިދައިގެ ކުލަތަކުން ދިއްލާލާފައެވެ. މީގެ އިތުރުން ޔޫއޭއީގެ 50ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދެޤައުމުގެ ގުޅުން ރަމްޒުކޮށްދިނުމަށް ބަންޑާރަކޮށީގައި ހުންނަ ސިފައިންގެ ބޮޑު ސްކްރީނަށްވެސްވަނީ ޔޫއޭއީގެ ދިދަ އަރުވާފައެވެ.

ޔޫއޭއީއަކީ ރާއްޖޭގެ ތަރައްޤީގައި ޒަމާންވީ ބައިވެރިއެކެވެ. އެގޮތުން ފަތުރުވެރިކަމާއި ތަޢުލީމާއި ޢުމްރާނީ ތަރައްޤީގެ އިތުރުން ވިޔަފާރީގެ ދާއިރާއިން ޔޫއޭއިން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ރާއްޖެއާއި ޔޫއޭއީއަކީ އިސްލާމީ ދެޤައުމަށްވުމާއެކު ޤަބޫލުކުރާ އުސޫލުތައް އެއްގޮތްވުމަކީ ދެޤައުމުގެ ގުޅުން ހަރުދަނާވާ ސަބަބެއްގެ ގޮތުގައި ދެޤައުމުންވެސް ދެކެއެވެ.
ޔޫއޭއީގެ ޤައުމީ ދުވަސް ނުވަތަ ޢީދު-އަލް-ވަޠަނީގެ ގޮތުގައި ފާހަގަކުރަނީ އެޤައުމުގެ 7 ސަރަޙައްދު އެއްކޮށް މައި ވެރިކަމެއް އުފެދުނު ދުވަހުގެ ގޮތުގައެވެ.