ޚަބަރު

ހިޔާގައި ތިބި 71 މީހުންގެތެރެއިން 51 މީހަކަށް އަލުން ވަޒީފާ ހަމަޖައްސައިދީފައިވާނެ - ޖެންޑަރ


ކުޑަކުދިންގެ ހިޔާއިން ދެމުންއައި ޚިދުމަތް ހުއްޓާލުމާ ގުޅިގެން އެތަނުގެ މުވައްޒަފުން، ވަކިކޮށްފައިވަނީ ސިވިލް ސަރވިސް ކޮމިޝަނާއެކު މަޝްވަރާކުރައްވައި، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެމީހުންނަށް ދެވެންހުރި ހުރިހާ ފުރުސަތެއް ދިނުމަށްފަހުކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ ހިޔާގެ ޚިދުމަތް ހުއްޓާލުމާއެކު އެތަނުގައި ތިބި މުވައްޒަފުންގެތެރެއިން 51 މުވައްޒަފަކަށް އަލުން ވަޒީފާ ހަމަޖައްސައި ދީފައި ވާނެކަމަށެވެ. ވަޒީފާއިން ވަކިކުރަން ޖެހުނީ 20 މުވައްޒަފުންކަމަށާ، އެމީހުން ވަކިކޮށްފައިވަނީ ރިޑަންޑަންސީ އުސޫލުގެ ދަށުން މުވައްޒަފުންނަށް 3 މަސް ދުވަހުގެ ނޯޓިސް ދިނުމަށްފަހު ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު، 3 މަސްދުވަހުގެ ނޯޓސްއަކާއެކު ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަމުން އައި ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރަމުންދިޔަ 20 މުވައްޒަފަކުވަނީ ވަޒީފާއިން ވަކިކޮށްފައެވެ. މިކަމާ ގުޅިގެން ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ހިނގައިދިޔަ ކަންކަމުގެ ޙަގީގަތް ހާމަކުރައްވައި ޖެންޑަރ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ ކުޑަކުދިންގެ ހިޔާއިން މުވައްޒަފުން ވަކިކުރަންޖެހުނީ ހިޔާގައި ދިރިއުޅޭ ހުރިހާ ކުދިން އަތޮޅުތަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެންކަމަށެވެ.

މީގެ ސަބަބުން ވަޒީފާއަށް އަންނާނެ ބަދަލާގުޅޭ މަޢުލޫމާތު މުވައްޒަފުންނަށް މިއަހަރުގެ ޖެނުއަރީމަހު ދީފައިވާނެކަމަށާ، އަތޮޅުތަކުގައިހުރި އަމާންވެށިތަކުގައާއި ޖެންޑަރ މިނިސްޓްރީގެ ދަށުގައިހުރި އެހެން އިދާރާތަކުގައި ހުސްކޮށް އޮތް 24 މަޤާމެއް، ހިޔާއިން ވަކިކުރަންޖެހުނު މީހުންނަށް ހުޅުވާލިކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. މީގެތެރެއިން ވަޒީފާއަށް ޝަރުޠު ހަމަވީ 10 މީހެއްކަމަށާ، ބާކީ ތިބި 53 މުވައްޒަފުންނާމެދު ޢަމަލުކުރަނެ ގޮތެއްގެ މަޝްވަރާއަކަށް ސިވިލް ސަރވިސްގައި އެދުމުން ސީއެސްގެ އެހެން އިދާރާތަކުން ވަޒީފާގެ ފުރުސަތުތައް އެމީހުންނަށް ލިބޭތޯ ބަލާފައިވާކަމަށްވެސް ޖެންޑަރ މިނިސްޓްރީގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި އެނިސްޓްރީގެ އެކި ދާއިރާތަކުން އިތުރު 16 މީހަކަށް ވަޒީފާ ހަމަޖެހިފައިވާކަމަށާ، ސިވިލް ސަރވިސްގެ އެހެން އިދާރާތަކުން 7 މީހަކަށް ވަޒީފާގެ ފުރުސަތު ހަމަޖެހިފައިވާކަމަށްވެސް އެމިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ހަމަ މިދުވަސްވަރު ކުޑަކުދިންގެ ހިޔާ ހިންގަމުންދިޔަ ޢިމާރާތުގައި ވަގުތީ ހިޔަލެއް ހެދުމުގެ ހުއްދަ ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވުމާ ގުޅިގެން އެތަން ހިންގަން ބޭނުންވާ މަޤާމުތަކަށްވެސް ސީއެސްސީގެ އުސޫލުގެ ދަށުން މިފަރާތްތަކަށް އިސްކަންދީ 21 މުވައްޒަފަކަށް ވަގުތީ ހިޔާގައި ވަޒީފާ ހަމަޖައްސާފައިވާކަމަށް ޖެންޑާރ މިނިސްޓްރީން ވިދާޅުވެއެވެ. އަމިއްލައަށް 7 މީހަކު ވަޒީފާ ދޫކޮށްލަން އެދިފައިވާކަމަށްވެސް ޖެންޑަރ މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން ވަޒީފާ ހަމަނުޖެހި ބާކީތިބި 20 މުވައްޒަފުންނާމެދު ޢަމަލުކުރާނެ ގޮތުގެ މަޝްވަރާއަކަށް ސިވިލް ސަރވިސްގައި އެދިފައިވާކަމަށާ އެއިދާރާގެ މަޝްވަރާއާއެކު ސީއެސްސީގެ ގަވައިދުގެ ރިޑަންޑަންސީ އުސޫލުގެ ދަށުން މި 20 މީހުންނަށް މިމަހުގެ ފުރަތަމަ ދުވަހު 3 މަސްދުވަހުގެ ނޯޓިސް ދީފައިވާކަމަށް ޖެންޑަރގެ ބަޔާނުގައިވެއެވެ.

ކުޑަކުދިންގެ ހިޔާ ބަންދުކޮށް އަތޮޅުތަކަށް ކުދިން ބަދަލުކުރުމަށް ސަރުކާރުން ނިންމެވިއިރު ހިޔާގައި ރަޖިސްޓަރވެފައިވާ 71 މުވައްޒަފުން ތިބިކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.