ޚަބަރު

އައްޑޫގައި ސޯލާ ހަކަތަ ރައްކާ ކުރެވޭނެ ނިޒާމެއް ޤާއިމުކޮށްފި


އައްޑޫ ސިޓީގައި ސޯލާ ހަކަތަ ރައްކާކުރެވޭނެ ބެޓަރީ ނިޒާމެއް ޤާއިމުކޮށް، އިންޖީނުގެއިން ފޯރުކޯށްދޭ ހަކަތައާއި ސޯލާ ނިޒާމުން އުފައްދާ ހަކަތަ ގުޅާލާ ނިޒާމުގެ މަސައްކަތް އިފްތިތާޙް ކޮށްފިއެވެ.

މިމަސައްކަތް އިފްތިތާޙް ކޮށްދެވީ އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ކުރިން އައްޑޫގައިހުރި ހައިބްރިޑް ސިސްޓަމާއެކު ބެޓަރީ ސިސްޓަމެއް ނެތުމުން އިރުގެއަލިން އުފައްދާ ކަރަންޓުގެ އެންމެ ފުރިހަމަ މަންފާ ލިބުމުގައި ދަތިތަކެއް ހުރި ކަމަށެވެ. މިއީ ތެލުގެ އިސްރާފް ކުޑަކޮށްދޭ ނިޒާމެއް ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

"މިއަދު މިއިފްތިތާހު ކުރާ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމުން، މޫސުމަށް އަންނަ ބަދަލާއެކު ސޯލާ ޕީވީ ނިޒާމަށް އަންނަ ލޮޅުންތައް ކުޑަކޮށް ޑީސެލް ޖެނެރޭޓަރުތަކުން ދިމާވެދާނެ މައްސަލަތަކުން ސަލާމަތްކޮށްދީ، ތެލުގެ އިސްރާފު ކުޑަކޮށްދޭ. އަދި ސިސްޓަމުގެ ސަބަބުން އައްޑޫގައި ސޯލާ ޕީވީ އިތުރުކޮށް ގްރިޑަށް ފީޑް ކުރުމުގެ ފުރުސަތު ފަހިވެގެން އާދޭ." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

އައްޑޫގައި މިހާރު ސޯލާ ބެޓަރީ ޑީސެލް ހައިބްރިޑް ނިޒާމެއް ވަނީ ޤާއިމު ކޮށްފައެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވިގޮތުގައި މި ނިޒާމާއެކު، އަށް ލައްކަ ލީޓަރުގެ ޑީސެލް އަހަރެއްގެ މައްޗަށް ސަލާމަތް ކުރެވޭނެކަމަށެވެ. އަދި 1900 ޓަނުގެ ސީއޯޓޫ ޖައްވަށް ބޭރުކުރުން މަދު ކުރެވޭނެކަމަށާ، ސޯލަރއިން އުފައްދާ ހަކަތަ އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ބައި މި ނިޒާމުގައި ރައްކާކުރެވޭނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢުއަކީ އޭޑީބީގެ އެހީގެ ދަށުން ޖަޕާނު ފަންޑް ފޯ ޖޮއިންޓް ކްރެޑިޓިން މެކޭނިޒަމްގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ، ޖަޕާންގެ ލޯ ކާބަން ޓެކްނޮލޮޖީގެ އެހީގައި ފަރުމާކޮށްފައިވާ ސްމާޓް މައިކްރޯ ގްރިޑް ސިސްޓަމް ޓެސްޓުތަކުން ކާމިޔާބުކަމަށް ދައްކާކަމަށެވެ. އެހެން ކަމުން ދިވެހި ރާއްޖެއިން އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް މިސްރާބުޖަހާފައިވާއިރު މިނިޒާމް އެހެން ރަށްތަކުގައިވެސް ބޭނުން ކުރުމަށް ފުރުސަތު ހުޅުވިގެން ގޮސްފައިވާކަމަށާއި މިއީ މިއަށްވުރެބޮޑަށް ބޭނުން ކުރެވޭނެ ނިޒާމެއްކަމަށް ޤަބޫލު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުވުމަށް ސަރުކާރުން ގިނަ މަސައްކަތަކެއް ކުރަމުންދެއެވެ. ރާއްޖޭގެ 10 އަތޮޅެެއްގައި މި ނިޒާމު ޤާއިމު ކުރުމަށް ސަރުކާރުން ވަނީ މިހާރުވެސް އިއުލާން ކުރައްވާފައެވެ.