ހއ.ތަކަންދޫގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢުގައި ހިމެނޭ ހޮޅި ވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހޮޅި ވަޅުލުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހާއި ތަކަންދޫ ކައުންސިލްގެ ރައީސް ހުސައިން ނަޢީމެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހުގެ ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ތަކަންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބުމުގެ އިތުރުން، އިޖްތިމާއީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް ރަށުގެ ރައްޔިތުންނަށް މަންފާ ލިބިގެންދާނެކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތުގައި ބޭނުންކުރެވޭ ތަކެއްޗާއި މަސައްކަތުގެ ކޮލެޓީ ދެމެހެއްޓުމަކީ އެ ކުންފުނިން އެންމެ އިސްކަމެއްދޭ ކަމުގެގޮތުގައި ޝާހުވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑުމެން ރަށްރަށުގައި މި މަސައްކަތް ކުރަމުންދާނީ މާލެއެކޭ އަދި ރާއްޖޭގެ އެހެން ސިޓީތަކެކޭ އެންފެންވަރަށް، އެއް މެޓީރިއަލްއަކުން، އެއް ކޮލިޓީއަކުން، އެއްވެސް ކަހަލަ ކޮލިޓީ ކޮންޕްރޮމައިޒިން ނުކޮށް." ޝާހު ވިދާޅުވިއެވެ.
ތަކަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތަކީ ސަރުކާރުން އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢު އެކުންފުންޏާ ޙަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15ވަނަ ދުވަހުއެވެ. 540 ދުވަހުގެތެރޭގައި މި މަޝްރޫޢު ނިންމަންޖެހެއެވެ.
މި މަޝްރޫޢުގެ ދަށުން ކޮއްފައިވާ ފެނުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ފެން ރައްކާކުރުމަށް 275 އަކަ މީޓަރުގެ 2 ޓޭންކް ބެހެއްޓުމާއި ވާރޭފެން ރައްކާކުރުމަށް 950 އަކަ މީޓަރުގެ ޓޭންކެއް ބެހެއްޓުން އަދި 280 ގޭބީސީތަކަށް ފެނުގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ. މީގެ އިތުރުން ވާރޭފެން ރައްކާކުރާ ނިޒާމަކާއި، 1 ބްރައިން އައުޓްފޯލްއާއި، 2 އާރ.އޯ ޕްލާންޓް އަދި 8.37 ކިލޯމީޓަރުގެ ވިއުގައެއް ޤާއިމުކުރުން ހިމެނެއެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތްތަކަށް ބަލާއިރު 3 ޕަންޕު ސްޓޭޝަނާއި، 6.33 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް ޤާއިމުކުރުން އަދި 1 ސީ އައުޓްފްލޯ އެޅުން ހިމެނެއެވެ. އަދި 280 ގޭބީސީއަށް ހައުސް ކަނެކްޝަން ގުޅައިދިނުންވެސް މީގެ ތެރޭގައި ހިމެނެއެވެ. ތަކަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢަކީ 79.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.