ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރިމެޗް ކާމިޔާބުކޮށް ރެއާލްއިން ޕޮއިންޓް ތާވަލްގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ރެއާލްއިން ގިނައިރު ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ބިލްބާއޯއެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ޖަހައިދިނީ ރެއާލްގެ ކެޕްޓަން ކަރީމް ބެންޒީމާއެވެ. މިއީ އޭނާ މިފަހަރުގެ ސީޒަންގައި ކާމިޔާބުކުރި 17 ވަނަ ލަނޑެވެ. އޭނާ އެންމެ ފަހުން ކުޅުނު 46 މެޗްގައި ބެންޒީމާ ވަނީ 35 ލަނޑު ކާމިޔާބުކޮށްފައެވެ.
މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔަ ނަމަވެސް އިތުރު ލަނޑެއް ފެންނަގޮތެއް ނުވިއެވެ. މިކާމިޔާބީއާއެކު ރެއާލްއަށް މިހާރުވަނީ 15 މެޗުން 36 ޕޮއިންޓް ލިބިފައެވެ. އަދި އެންމެ ގާތުން ވާދަކުރާ އެންމެފަހުގެ ޗެމްޕިއަން އެޓްލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 14 މެޗުން 29 ޕޮއިންޓެވެ. ނަމަވެސް މިހަފްތާގައި އެޓީމް ކުޅޭ މެޗުން މޮޅުވެއްޖެނަމަ މި ފަރަގު 4 ޕޮއިންޓަށް ކުދަވެގެން ދާނެއެވެ.
ބިލްބާއޮ އުޅެނީ 20 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.